ދުނިޔެ އޭގެ ނާރެހުގައި ރެކޯޑް ހަލުވި މިނެއްގައި އެނބުރެމުންދާ ކަމަށް ސައިންސްވެރިންގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކައިފި އެވެ.

މިއާއެކު ދުނިޔޭގެ ދުވަސްތަކުގެ ދިގުމިން ދުވަހަކަށް ވުރެ ދުވަހެއް ކުރުވަމުން އަންނަ ކަމަށް ވެސް ސައިންސްވެރިން ބުނެފައިވެ އެވެ.

އާއްމު ގޮތެއްގައި ދުނިޔެ އޭގެ ނާރެހުގައި ފުރިހަމަ ބުރެއް ޖަހަނީ 24 ގަޑިއިރުން ނަމަވެސް މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެ ބުރު ފުރިހަމަ ކޮށްފައިވަނީ 24 ގަޑިއިރަށް ވުރެ 1.59 މިލިސިކުންތު ކުރިން ކަމަށް ރިޕޯޓުތައް ދައްކަ އެވެ.

އެއަށްފަހު އައި ދުވަސްތަކުގައިވެސް ދުނިޔޭގެ އެނބުުރުން ހުރީ މިގޮތަށް ކަމަށާއި އެންމެ ދިގު ދުވަހުގެ ދިގުމިން 24 ގަޑިއިރަށް ވުރެ 1.47 މިލިސިކުންތު ކުރު ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

ސައިންސްވެރިން ބުނެފައިވަނީ މި ބަދަލަކީ ދުނިޔޭގެ ކަނޑުތަކާއި އެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް މިއީ ސައިންސްގެ ގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ދުނިޔެ ފެށުނީއްސުރެ ވެސް ކަން ހިނގަމުން އަންނަ ގޮތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ދުނިޔޭގެ ދުވަސްތަކުގެ ދިގުމިން ބަލަނީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން އުފައްދާފައިވާ އެޓޮމިކް ގަޑިއަކުންނެވެ. މި ގަޑިއަކީ ކޮންމެ މިލި ސިކުންތެއް ވެސް ހިސާބު ކުރެވޭ ގޮތަށް އުފައްދާފައިވާ ގަޑިއެކެވެ.

ދުނިޔޭގެ ދުވަސްތައް ކުރުވަމުން އަންނަކަން ސައިންސްގެ އަލީގައި ސާބިތުވެފައިވާއިރު މިހާރު ވަގުުތު މާ އަވަހަށް ހިނގާ ވާހަކައަކީ އަހަރުމެންގެ ތެރޭގައި އާއްމު ވާހަކަ އެކެވެ.