ކީވް ( 11 އޮގަސްޓް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ޔޫކްރެއިންގެ އަވަށްތަކަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށާއި އެކަމަށް ރަޝިއާގެ ރައްޔިތުން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ޒެލެންސްކީ މި ބީދައިން ވާހަކަ ދައްކަވާފައި މިވަނީ އިއްޔެއާއި އޭގެ ކުރާ ދުވަހު ރަޝިއާއިން ދިން ހަމަލާތަކުގައި ޔޫކްރެއިންގެ 13 މީހަކު މަރުވެ 10 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވަނިކޮށެވެ.

އިއްޔެ ރޭ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ އެ ހަމަލާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި އެކަމަށް ފިޔަވަޅެއް ނާޅާ ދޫކޮށް ނުލާނެ ކަމަށެވެ.

"އަހަރެމެންގެ އިންޓެލިޖެންސާއި އަސްކަރިއްޔާއިން ވެސް މި ހަމަލާތަކަށް ރައްދު ދޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ އިއްޔެގެ ހަމަލާތަކުން ވެސް ދައްކުވައިދެނީ ޔޫކްރެއިންއަށް އަސްކަރީ އެހީ ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އެއާއެކު އޭނާ ވަނީ ޔޫކްރެއިންއަށް އެހީވުމަށް ބޭރުގެ ގައުމުތަކަށް ގޮވާލާފަ އެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިފަހުން އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ. -- އަލް އަރަބިއްޔާ