އައިޖީއެމްއެޗްގެ ކެންސަރު ޑިޕާޓްމަންޓަށް ވަދެ އަގު ބޮޑު ބޭސްތަކެއް މަގަށް ނަގައިފި އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޑިޕާޓްމަންޓްގެ ކަބަޑުތަކެއް ފަޅާލައި ވަގަށް ނެގީ އޯރަލް ކީމޯ ބޭހެވެ. އަދި އެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ބައެއް އަމިއްލަ ތަކެތި ވެސް ވަގަށް ނަގާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ކެންސާ ޑިޕާޓްމަންޓުން ވަނީ މިދިޔަ އީދު ބަންދުގައި ވެސް ވައްކަން ކޮށްފައެވެ. އެހެންކަމުން މިއީ އެ ޑިޕާޓްމަންޓް ފަޅާލި ދެވަނަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ.

ވައްކަމުގެ މި ހާދިސާ ހިނގާފައިވާއިރު އެ ޑިޕާޓްމަންޓުގެ ސީސީޓީވީ ކެމެރާތައް ހަލާކުވެފައި ހުންނަތާ މިހާރު ތިން މަސް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާއި ބެހޭ ގޮތުން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 8 ޖެހި ފަހުން ކަމަށެވެ. މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.