ވޮޝިންޓަން (12 އޮގަސްޓް) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި އީރާނުން ރަޝިއާއަށް ހަތިޔާރު ވިއްކާކަމަށް ބުނެ އެެމެރިކާއިން ރަޝިއާއާއި އީރާނަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
ޔޫކްރެއިންގައި ބޭނުން ކުރާނެ ހަނގުރާމަ މަތީ ޑްރޯންތައް އީރާނުން ރަޝިއާއަށް ވިއްކަން އުޅޭ ކަމަށް މިދިޔަ މަހު އެމެރިކާއިން ރިޕޯޓު ކޮށްފައިވާއިރު އެކަން އެ ދެގައުުމުން ކުރެ އެއްވެސް ގައުމަކުން ދޮގުކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން ވެސް ފާއިތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި އީރާނުން ރަޝިއާގެ ސިފައިންނަށް ޑްރޯން އޮޕަރޭޓްކުރާނެ ގޮތުގެ ތަމްރީނުތައް ވެސް ދެމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުން މީޑިއާތަކަށް ހަބަރު ދީފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ތަރުޖަމާނު ވެދާންތު ޕަޓޭލް ވިދާޅުވީ އީރާނުން ރަޝިއާއަށް ޑްރޯންތަކެއް ފޯރުކޮށްދީ އެ ޑްރޯންތައް އޮޕަރޭޓްކުރުމުގެ ތަމްރީނުތައް ހިންގަމުން އަންނަ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ޕަޓޭލް އިތުރަށް ވިދާޅުވީ އީރާނުން ޑްރޯން އުފައްދާ އޭގެ ވިޔަފާރި ކުރަމުން ދާތީ އެމެރިކާއިން ކަންބޮޑުވާ ކަމަށާއި އެކަމުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެ ކަމަށެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަމުުންދާ އިސްތިއުމާރީ ހަނގުރާމަ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކުށްވެރި ކުރި ނަމަވެސް ދުނިޔޭގެ މަދު ގައުމުތަކަކުން ވަނީ ރަޝިއާއަށް ވާގިވެރިވާކަން އިއުލާންކޮށްފަ އެވެ. -- އަލް އަރަބިއްޔާ
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން