ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހެއް އަންނަ ހަފްތާގައި ފެށުމަށް ނިންމައިފި އެވެ.

ކޯސް އިންތިޒާމު ކުރާ 'ޝަހީބް މީޑިއާ' އިން ބުނީ މިކޯސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަށް ކަމަށެވެ. އެގޮތުން މިމަހުގެ 21 އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށް ގެންދާ ކޯހަށް ވަނުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ހިލޭ ކުރިއަށް ގެންދާ މިކޯހަކީ ދރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ޒުވާނުންނާއި ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންގެ ލޯހުޅުވައިދީ، އޮއްޓަރު ހުރި، ފޭރާން ހެޔޮ ޚަބަރު ލިޔާނެ ގޮތްތަކާއި ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ ކޯހެކެވެ.

ޝަހީބު މީޑާއިން ބުނީ މި ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ވަނީ ހަމަޖެހިފައިވާއިރު 20 ޖާގަ ހާއްސަކުރެވިފައިވަނީ މީޑިއާތަކަށެވެ. އަދި އަނެއް ދިހަ ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ކަމަށް ޝަހީބު މީޑިއާއިން ބުނެ އެވެ. އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެ އެވެ.

މި ކޯހުގައި ބައިވެރިވުމަށް މީޑިއާތަކަށް މިހާރު ވަނީ ދައުވަތު ފޮނުވައިފަ އެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ތިއްބަވާނީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ނޫސްވެރިކަމުގެ ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން:

1. މުހައްމަދު ޝަހީބު، އަދިވެސް އޮންލައިންގެ ސީއީއޯ/ އެޑިޓަރު

2. މޫސާ ލަތީފު، ދައުރު އޮންލައިންގެ އެޑިޓަރު

3. އިސްމާއިލް ނަސީރު، މިހާރު އޮންލައިންގެ އެޑިޓަރު

4. ހުސެއިން ފިޔާޒު މޫސާ، އަދަދު އޮންލައިންގެ އެޑިޓަރު

5. އާދަމް ހަލީމު، "މި"ގެ ސީއީއޯ/ އެޑިޓަރު

6. ސިނާން އަލީ، ވަން އޮންލައިންގެ ސީއީއޯ/ އެޑިޓަރު

7. އަހުމަދު ޒާހިރު (ހިރިގާ)، ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު

8. އިމާދު ލަތީފު، ނިއުސް އެނަލިސްޓް

9. މުހައްމަދު އާސިފު، މޮންދު ޕްރޮޑަކްޝަންސްގެ ސީއީއޯ

10. މުހައްމަދު އާމިރު (ފަރެސް)، ދިވެހިބަހުގެ ތަޖުރިބާކާރެއް

ޝަހީބު މީޑިއާއަކީ ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައިދީ ކުރިއަރުވައިދޭނެ ޒިންމާދާރު ނޫސްވެރީން ތަމްރީނުކުރުމާއި، ޒުވާނުންނަށް މީޑިއާގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި މީޑިއާ މެނޭޖުކުރުމާއި މީޑިއާ މާކެޓިން އަދި ޕްރޮމޯޝަނާ ގުޅޭ އެކިއެކި މަސައްކަތް ކުރުމުގެ މަގުސަދުގައި 2010 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގައި 30 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައިވާ މުހައްމަދު ޝަހީބު ހިންގަވާ "މީޑިއާ ހައުސް" އެކެވެ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ތަމްރީނުކުރައްވައިފައި ވަނީ ޝަހީބެވެ.

ޝަހީބު މީޑިއާއިން އިންތިޒާމްކުރި ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފަ އެވެ.