ޔޫއޭއީ (14 އޮގަސްޓް) - ޔޫއޭއީގެ އެކި ސަރަހައްދުތަކަށް ވެލީގެ ތޫފާނެއް އަރައި އެއްގަމު ދަތުރުފަތުރުތަކަށް ބުރޫ އަރައިފި އެވެ.

އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައި ވަނީ ގައުމުގެ ވއެކި ސަރަހައްދުތަކުގެ ޖައްވުގައި ހިރަފުހާއި ކުނޑީގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށާއި އެހެން ކަމުން އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.

އެގޮތުން ވެެރިރަށް އަބޫދާބީއާއި ދުބާއީގެ ބައެއް ސަރަހައްދުތަކުގައި ވިޝުއަލިޓީ ހުރީ އެއް ކިލޯމީޓަރަށް ކަމަށާއި އެހެން ކަމުން ހާއްސަކޮށް ސައިކަލުތަކާއި ބައިސްކަލުތައް ދުއްވާ ފަރާތްތަކަށް މިއީ ނުރައްކާތެރި މިންވަރެއް ކަމަށެވެ.

އިއްޔެ އާއި މިއަދު އެ ސަރަހައްދުގެ މަގުތައް މަތީގައި ތާށިވެ ކުރިއަށް ނުދެވިގެން ގުޅި ސަތޭކައަށް ވުރެ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އިމަޖެންސީ އިދާރާތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން އެގައުމުގެ ބައެއް ސަރަހައްދުތަކުުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްތަކަށް ބުރޫ އަރައި މެދުކެނޑިފައިވާއިރު ދަތުރުފަތުރު ކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

ސަހަރާތައް ގިނަ ޔޫއޭއީގެ ހޫނު މޫސުމުގައި ވެލީގެ ތޫފާނުތައް ކުރިމަތިވުމަކީ އާއްމު ކަމެކެވެ. މިއީ މިދިޔަ މަހު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއެކު މިފަހުގެ ތާރީހެއްގައި އެގައުމަށް ކައިރި ކައިރީގައި ކުރިމަތިވި ދެވަނަ ގުދުރަތީ ހާދިސާ އެވެ.

ޔޫއޭއީއަކީ ޖިއޮގްރަފީ ގޮތުން އެގައުމު އޮތް ސަރަހައްދުގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރުމުގެ ފުރުސަތު އޮތް ގައުމެކެވެ. -- އަލް އަރަބިއްޔާ