އިނގުރަކީ މާ ގިނަބަޔަކަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. ކެއްކުމާއި ކެއުމުގައި ވެސް އިނގުރު ބޭނުން ކުރުމުން ދުރުހެލިވާ މީހުން މަދެއް ނޫނެވެ. ނަމަވެސް އިނގުރަކީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އަދި ގިނަ ބަލިތަކަކަށް ފަރުވާއެއް ވެސް މެއެވެ. މި ލިޔުމުގައި މި ބަލާލަނީ އިނގުރު ފެނުން ލިބޭ ބައެއް ފައިދާ ތަކަށެވެ.

އަންހެނުންނަށް މައްސަރު ކަންތައް ދިމާވާއިރުގައި ވާ ތަދުތަކަށް އިނގުރު ފެނުން ހައްލު ލިބެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރު ބޭސް ގުޅަ ބޭނުން ކުރުމުން މައްސަރު ދުވަސްވަރުގައި ވާ ތަދު ކުޑަވެ އެވެ. އެހެން ކަމުން އިނގުރު ފެން ނުވަތަ އިނގުރު ސައި ވެސް މައްސަރު ދުވަސްވަރު ވާ ތަދުތައް ކުޑަކުރުމުގައި އެހީވާނެ އެވެ.

މީގެ އިތުރުން ވަރަށް ގިނަ ޑޮކްޓަރުން ވަނީ ކެންސަރަށް ދޭ ފަރުވާ ކަމަށްވާ ކީމޯތެރަޕީގެ ސަބަބުން ނުވަތަ މާބަނޑުވުމުގެ ސަބަބުން ހޮޑު ލެވޭގޮތް ވާނަމަ އިނގުރު ފެން ނުވަތަ އިނގުރު ސައި ބުނުމަށް އިރުޝާދުދީފަ އެވެ. ސަބަބަކީ އިނގުރަކީ ބަނޑު ހުސްކޮށް ކާއެއްޗެހި ގޮހޮރަށް ދިއުން އަވަސްކޮށްދޭ ބާވަތަކަށް ވާތީ އެވެ.

އޭގެ އިތުރުން އިނގުރު ސައި ނުވަތަ އިނގުރު ފެން ބުއިމުގެ ސަބަބުން ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތަކުގެ ޝިކާރައަކަށްވާ މިންވަރު ކުޑަވެ އެވެ. އެއާއެކު އިނގުރަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ހަށިގަނޑުގައިވާ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭ އެއްޗެކެވެ.

އިނގުރުފެނަކީ ނުވަތަ އިނގުރު އަޅާފައިވާ ބުއިންތަކަކީ ޑީޓޮކްސް ބުއިންތަކުގެ ތެރޭގައި ހިމެނޭ ބުއިންތަކެކެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އިނގުރަކީ ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ސޮފްޓު ޑްރިންކްސްގެ ބަދަލުގައި ބޭނުންކުރެވޭނެ ކެލޮރީ މަދު ބުއިމެކެވެ.

މީގެ އިތުރުން އިނގުރަކީ ލެޔާއި ހަކުރުގެ މިންވަރު ހަށިގަނޑުގައި އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ބޭނުން ކުރެވޭނެ ވަރަށް މޮޅު ބުއިމެކެވެ. އަދި އިނގުރު ފެނަކީ ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުންވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.

އިނގުރު ފެނުގެ ފައިދާތައް މިހާ ގިނައިރު ރަހަ ނުބައި ކަމަށް ބުނެ އެ ކެއުމުން ދުރުވުމަކީ ރަނގަޅު ޚިޔާލަކަށް ނުވާނެ އެވެ.