ބެއިޖިންގް (18 އޮގަސްޓް) - ޗައިނާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ހަތަރު މީހަކު މަރުވެ ވީނުވީއެއް ނޭނގި އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފި އެވެ.

މާބޮޑު ތަފްސީލަކާ ނުލާ އެ ގައުމުގެ ޕްރޮވިންޝަލް އިމަޖެންސީ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިއްސާރައިގައި ގެއްލުނު މީހުން ހޯދުމަށް ރެސްކިއު މިޝަންއެއް މިހާރު ފަށާފައިވާ ކަމަށެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި މިވަނީ ޗައިނާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޝިންހައި ޕްރޮވިންސްގެ ޑަޓޮންގް އޭ ކިޔުނު ރަށުގަ އެވެ.

މި ވިއްސާރަ ކުރިމަތިވެފައި މިވަނީ އާއްމު ގޮތެއްގައި ޗައިނާއަށް ވަރަށް ހޫނު ދުވަސްވަރެއްގަ އެވެ. އެގޮތުން ބަލާއިރު އެގައުމުގެ ބައެއް ސަރަހައްދުތަކަށް މި ދުވަސްތަކަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްތަކެވެ.

މިދިޔަ ޖޫން މަހު ދެކުނު ޗައިނާއަށް ކުރި ވިއްސާރައިގައި ވެސް ގިނަ ބައެއްގެ ގެދޮރު ގެއްލި އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވެ އެވެ.

ދެކުނު ޗައިނާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަމުންދާއިރު ހުޅަނގު ދެކުނު ޗައިނާއަށް ހަމަ މި ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ކަރަންޓު ކުންފުނިތަކަށް ބާރުބޮޑުވެ ކަަރަންޓު ކެނޑުން ވެސް ވަނީ އާއްމުވެފަ އެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ މޫސުމީ ކާރިސާތައް އިތުރު ވަމުން ދާނެ ކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ. -- އަލް އަރަބިއްޔާ