ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަލަށް ވަޑައިގަންނަވަންނުޖެހި ނުދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ފެންނަމުންދާ މަންޒަރަކީ އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް އެކަހެރިކުރެވި ބާކީކުރެވެމުންދާ މަންޒަރު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ހުދު އެމްޑީޕީގެ ތެރެއިން އެމްޑީޕީގެ ރައީސްވެސް އެކަހެރިކުރެވި ބާކީކުރެވިގެންދާ މަންޒަރު. އަޅުގަނޑުމެންނަށް މިހާރު ގަބޫލުކުރެވޭ ގޮތުން، އިއްޒަތްތެރި ރައީސް އެމްޑީޕީގެ ރައީސަށްވީ ނަމަވެސް، ދެވަނަ ދައުރެއް އެމްޑީޕީގެ މިހާރު މިއޮތް ސަރުކާރަށް ލިބިއްޖެކަމުގައިވާނަމަ، ޖަލަށް ނުލައި ސަލާމަތްވާނެ ކަމަށެއް އަޅުގަނޑުމެންނަކަށެއް ގަބޫލުނުކުރެވޭ. އެވަރަށް މި ސަރުކާރުގެ ނުފޫޒު ފޯރުވަމުން އެބަދޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ މައްސަލައިގައި ދެބޭފުޅުންގެ ހިޔާޅުވަނީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ. ރައީސް ސޯލިހުވަނީ ފާޅުގައި ރައީސް ނަޝީދާ ދެކޮޅު ހައްދަވާފަ އެވެ.