މޭބިސް ކަދުރަކީ އަހަރުމެންގެ ތެރޭގައި ވަރަށް މަގުބޫލު އަނގައަށް މީރު މޭވާ އެކެވެ. ރަހަ ރަނގަޅު މި މޭވާއަކީ ސިއްހީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބޭ މޭވާ އެކެވެ. އެގޮތުން މިއީ ގިނަ ބަލިތަކަކުން ދިފާއު ވުމަށް އެހީވާ މޭވާއެއްކަން ސައިންސުން މިވަނީ ސާބިތުވެފަ އެވެ.

ކެންސަރު

މޭބިސްކަދުރުގައި ހިމެނޭ ބާރުގަދަ އެންޓިއޮކްސިޑެންޓުގެ ސަބަބުން ގިނަ ވައްތަރުތަކެއްގެ ކެންސަރުތަކަކުން ދިފާއުވުމަށް އެހީތެރިވެދެ އެވެ. އޭގެތެރޭގައި އީސޯފެގަސްގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަނގައިގެ ކެންސަރާއި ދަށް ގޮހޮރަށް ޖެހޭ ކެންސަރު ހިމެނެ އެވެ. ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ މި މައްދާ އެންމެ ގިނަ އަދަދަކަށް އެކުލެވެނީ، ރަތްކުލައިގެ މޭބިސްކަދުރުގެ ތޮށީގަ އެވެ.

ހިތުގެބަލި

މޭބިސްކަދުރުގައި އެކުލެވޭ ގުދުރަތީ އެންޓި އިންފުލެމޭޓަރީ މާއްދާއެއްކަމަށްވާ ފުލޭވެނޮއިނޑް ކުއާސެޓިންގެ ސަބަބުން އެތެރޯސްކްލެރޯސިސްއިން ރައްކާތެރިވުމަށް އެހީތެރިވެދީ ލޯޑެންސިޓީ ލިޕޯޕްރޮޓީންގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްކޮށްދެ އެވެ. އަދި އޭގައި ގިނަ އަދަދަކަށް ހިމެނޭ ޕޮލީފެނޯލްއިން ކާޑިއޯވެސްކިއުލާ ބަލިތަކުން ރައްކާތެރިކުރުވަ އެވެ.

ލޭ މައްޗަށް ދިއުން

މޭބިސްކަދުރަކީ އޭގައި ގިނައަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ މޭވާ އެކެވެ. ޕޮޓޭސިއަމް މަދުވުމަކީ ހަށިގަނޑުގައި ސޯޑިއަމްގެ މިންވަރު ގިނަވެ ލޭ މައްޗަށް ދިއުމުގެ ނުރައްކާއާ ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއްސަބަބެވެ. މޭބިސްކަދުރުން ސޯޑިއަމް އެއްވަރެއްގައި ހިފަހައްޓައިދީ ލޭ މައްޗަށް ދިއުމުން ދުރު ކުރުވަ އެވެ.

ބަނޑުހިކުން

މޭބިސްކަދުރަކީ ފެން ގިނަ މޭވާއެއް ކަމުން ގިނަވަގުތު ހަށިގަނޑުން ފެން މަދުނުވެ ހިފަހައްޓައިދީ، ގަވާއިދުން ބޮޑު ކަމުދިއުމަށް އެހީއަކަށްވެދެ އެވެ. އަދި އޭގައި ހިމެނޭ ފައިބާ ސަބަބުން، ބަނޑު ހިކުމުގެ އުނދަގުލުން ވެސް ދުރުކޮށްދެއެވެ.