ތިލަމާލެ ފަރަށް އެރި ބުރިޖު އެޅުމުގެ މަސައްކަތަށް ބޭނުންކުރަމުން އައި ޕްލެޓުފޯމް އެފްކޮންސްއަށް ތިލަ ނުކުރެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމާގުޅިގެން މަޖިލީހަށް ހުށައެޅުއްވި ކުއްލިމައްސަލައިގަ އެވެ. އުޝާމް ވިދާޅުވީ އެ ޕްލެޓުފޯމު ތިލަކުރުމުގެ ގާބިލުކަން ނެތްކަމަށް ބުރިޖު އެޅުމުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން އެއްބަސްވެފައިވާކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުން އެ ޕްލެޓުފޯމު ފުންކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރާ ކަމަށާއި، އެގޮތުން އެ މަސައްކަތް ފެށީވެސް އެ ޕްލެޓުފޯމު ފަރަށް އެރިތާ ދެ ދުވަސްފަހުން ކަމަށާއި، މަސައްކަތް ފެށިއިރު އެ ޕްލެޓުފޯމުގެ ފައިތައް ހުރީ ފަރުގެ ގާތަކަށް ވަދެ ގުޑައިނުލާ ވަރަށް ހަރުވެފައިކަމަށެވެ.

ޕްލެޓުފޯމު ފަރަށް އެރިތާ ދެ ދުވަސް ފަހުން ޓަގު ބޯޓެއް މެދުވެރިކޮށް އެ ނަގަން މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އެފްކޯންސްގައި ފަރަށް އެރި ޕުލެޓުފޯމު ތިލަކުރުމުގެ ގާބިލުކަން ނެތުމުން އެ މަސައްކަތް މިހާރު އެހެން ބަޔަކާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވާކަމަށް އުޝާމް ވިދާޅުވި އެވެ.

"އެ ކުންފުނީގައި އެ މަސައްކަތްކުރުމުގެ ގާބިލުކަމެއްވެސް ނެތީމައި އިތުރު ބަޔަކާ ހަވާލުކޮށްގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވޭ،" އުޝާމު ވިދާޅުވި އެވެ.

ޕުލެޓުފޯމު ނުނެގި އެ ޕުލެޓުފޯމު ފަރުގައި ހަރުވެފައި އޮންނަ ކޮންމެ ދުވަހަކީ އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ދުވަހެއްކަމަށްވެސް އުޝާމް ވިދާޅުވި އެވެ. އަދި ޕުލެޓުފޯމު ފަރަށް އެރި މައްސަލަ ތަހުގީގުކޮށް އެ ކަމުގައި ކުންފުނީގެ އިހުމާލެއް އޮތްނަމަ އެކަމުގައި އެ ކުންފުންޏާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އުޝާމްވަނީ ގޮވާލާފަ އެވެ.