ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ފެއިލްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލި، ފުރަތަމަ ފަހަރަށް 22.25ރ. އަށް އަރައިފި އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކަތައް ހަގީގަތަކަށް ނުވެ، މި ހަފްތާ ފެށުނުއިރު 22.00ރ. ގައި ހުރި ޑޮލަރުގެ އަގު ވަނީ އެންމެ 48 ގަޑިއިރު ތެރޭގައި 15 ލާރި މައްޗަށް ގޮސްފަ އެވެ.

މިދިޔަ ޖުލައި 29 ގައި 21.70ރ. ގައި ހުރި އަގު ދުވަހުން ދުވަހަށް އުފުލެމުން ގޮސް މިހާރު މިވަނީ މަދު ދުވަސްކޮޅެއް ތެރޭގައި 22.25ރ. އަށް އުފުލިފަ އެވެ.

މަރުކަޒީ ބޭންކުގެ ރަސްމީ ރޭޓަކީ 15.42ރ. ކަމަށް ވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިވަނީ ރަސްމީ ރޭޓަށް ވުރެ ބޮޑު 44.29 ޕަސެންޓު އިތުރުވެ 6.83ރ. މައްޗަށް ގޮސްފަ އެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށްޓަކައި، ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރުން މަޖުބޫރުވާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް އިއުލާނު ކުރައްވާފަ އެވެ. އެ ސިޔާސަތާއެކު ޑޮލަރުގެ އަގު އިތުރަށް މައްޗަށް ނުދާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ މުޅިން އިދިކޮޅަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ގެ ބަލިމަޑިކަމުގައި ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓުނު ދުވަސްވަރު ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ ކުރު މުއްދަތަކަށް 19.50 ރ. އަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިިއިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17.45 ރ. ގަ އެވެ.

މި މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އޮންނަކަން ގަބޫލުކުރައްވާ ކަމަށާއި އެ ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު ސިފަކުރެއްވި ގޮތުގައި ނޫސްތަކުން އެފަދަ ސުރުހީތައް ޖަހަނީ ބާޒާރުގައި ބިރުވެރިކަން އުފައްދައި، ދޮގު ހަބަރު ފަތުރައިގެން އަގުތަކަށް ބަދަލު ގެނައުމަށެވެ. އަދި ކުޑަ އިގްތިސޯދެއްގައި އެފަދަ ކަންކަން ކުރުމުން އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.