ހަކުރު ބައްޔަކީ ދިވެހިންގެ މެދުގައި އެންމެ އާއްމު އެއް ބަލިމަޑު ކަމެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ޖެހޭ މިބަލީގެ ކަންކަން ރަނގަޅަށް އެނގިފައި އޮތުން ވަރަށް މުހިއްމެވެ. އެގޮތުން ބަލާއިރު މި ބަލީގެ ދެ ވައްތަރެއް ވާ ކަމާއި އެ ދެ ވައްތަރުގައިވާ ތަފާތަކީ ކޮބާކަން އެނގުން މުހިއްމެވެ.
ޓައިޕް 1 ޑައިބިޓީސް
މި ވައްތަރުގައި ހަށިގަނޑުގެ ހަކުރު ކޮންޓްރޯލް ކޮށްދޭ ހޯމޯން ކަމަށްވާ އިންސިއުލިން އުފެއްދުން ދަށްވެ އެވެ. ނުވަތަ ބޭނުންވާވަރަށް އުފައްދައި ނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯސް ނުވަދެވި ލޭގައި އެކުލެވޭ ގުލްކޯސްގެ މިންވަރު މައްޗަށްދެ އެވެ.
މި ވައްތަރަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެސް ސަބަބަކާއި ހުރެ އިންސިއުލިން އުފައްދައިދޭ "ޕެންކްރިއާސް" އަށް ހަމަލާ ދިނުމުގެ ސަބަބުން ފެށިގެން އަންން ކަމެކެވެ. ގިނައިން މި ވައްތަރު ފެށިގެން އަންނަނީ ޅަ އުމުރުގަ އެވެ. މާނައަކީ ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިންނެވެ.
މި ވައްތަރުގައި ހަށިގަނޑުން އެއްވެސް ވަރަކަށް އިންސިއުލިން އުފައްދައި ނުދޭތީ އިންސިއުލިން ކޮންމެހެެންވެސް ޖަހަން ޖެހެ އެވެ. މިކަމަށް ކިޔަނީ އިންސިއުލިން ޑިޕެންޑެންސީ އެވެ.
ޓައިޕް 2 ޑައިބިޓީސް
ޓައިޕް ޓޫ ޑައިބިޓީސްގައި ޗިސްމޭއިން އިންސިއުލިން ކޮންމެވެސް ވަރަކަށް އުފެއްދި ނަމަވެސް އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ ސެލްތަކުގެ ތެރެއަށް ގުލްކޯޒްއަށް ނުވަދެވި އަދި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެ އެވެ.
ޓައިޕް 2 ޑައިބެޓީސްގައި ޗިސްމޭ އިންއިންސުލިން އުފެއްދި ނަމަވެސް ކޮންމެވެސް ސަބަބުތަކާހުރެ އިންސުލިން އެންމެ އެދެވޭ މަސައްކަތް ނުކުރަނީ އެވެ. އެހެން ކަމުން ކަސްރަތުކޮށްގެންނާއި ކެއުމަށް ބަދަލު ގެނެސްގެން ނުވަތަ ބޭހުން ހަކުރު ކޮންޓްރޯލް ކުރެވިދާނެ އެވެ. މިވައްތަރު އާންމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންގެ މެދުގަ އެވެ.
މި ވައްތަރުގައި މުޅިން އިންސިއުލިންއަށް ބަރޯސާ ނުވި ނަމަވެސް ބޭހާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން އިންސިއުލިން މަސައްކަތް ކުރުން ރަނގަޅު ކުރެވިދާނެ އެވެ. މިއިން ގޮތަކުން ވެސް ކޮންޓްރޯލް ނުވާނަމަ އޮތީ އިންސިއުލިން ޖެހުމެވެ.