ހުޅުމާލޭ ސްކޫލްގެ ޓީޗަރަކު ކުއްޖާއަށް ބަދުއަޙްލާޤީ ވީޑިއޯއެއް ދެއްކި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީއަށް މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖުގައިވަނީ ޓީޗަރުގެ މައްސަލަ ހުށަހެޅުނު ދުވަހު ޓީޗަރު ވާނީ ސްކޫލަށް ހާޒިރު ނުވެވޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި އެމައްސަލަ ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިމައްސަލަ އާއިލާގެ ފަރާތުންވެސް ފުލުހުންނަށް ހުށައަޅާފައިވާއިރު އޭނާ ދޫކޮށްފައި ހުއްޓާ ރޭ ފުލުހުން އޭނާ ހައްޔަރު ކުރީ މިމައްސަލައިގައި ބަޔަކު ނުކުމެ އޭނާ ހަވަރަށް ދިނުމުންނެވެ. އާއިލާއިން މައްސަަލަ ހުށައެޅީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުރަތަމަ ފުލުހުން އޭނާ އަށް ހިމާޔަތް ދިނުމަށްފަހު ހިޔާ ފްލެޓް ސަރަހައްދާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަން ސަރަހައްދުގައި އަޑު އުފުލަން ފެށުމުން އެނާ ހައްޔަރު ކުރި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތައް ރިޕޯޓް ކުރުމުންވެސް ހައްޔަރު ނުކޮށް ގިނަ ދުވަސްވާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފަހަކަށް އައިސް ސްކޫލްތަކުގެ ޓީޗަރުންގެ މިފަދަ ގިނަ މައްސަލަތަކެއް ފެންމަތި ވުމާ ގުޅިގެން ބެލެނިވެރިންދަނީ ދަރިވަރުންގެ ރައްކާތެރި ކަމާމެދު ސުވާލު ކުރަމުންނެވެ.