ބޭރު ފައިސާއިން އާމްދަނީ ލިބޭ ގިނަ ފަރާތްތަކުން ކަޅު ބާޒާރު މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ފެށި މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަޅުބާޒާރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޑޮލަރު މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް މި މިންވަރަށް ބްލެކް މާކެޓު ފުޅާވާންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މަނީ ޗޭންޖަރުންނަށް ޚާއްސަކޮށްގެން މޮނިޓަރިން އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި ތަންފީޒީ އިދާރާތަކާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ފަރާތްތަކުން މަނީ ޗޭންޖަރުން މެދުވެރިކޮށް ކަޅު ބާޒާރުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މި އަމަލުތައް ހުއްޓުވައި، ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި ގަވާއިދާ ހިލާފަށް އަމަލުކުރިކަން ފާހަގަކުރެވުނު އެއް މަނީ ޗޭންޖަރެއްގެ ހިދުމަތް މިހާރު ބަންދުކޮށްފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
ބޭރު ފައިސާއިން ކުރާ މުއާމަލާތްތައް މޮނީޓާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ގަވަރުނަރު މިއަދު ހާމަކުރެއްވި އެވެ.
"މިހާރު އާމްދަނީ ލިބޭ ކަމުގައިވާނަމަ އެ ބޭފުޅުންނަށް އަގުކުރެވޭ، ޕޭމަންޓުގެ ގޮތުގައި އެބަ ދެއްކޭ ބޭރު ފައިސާއިން ވެސް. އެކަމު ބޭރު ފައިސާއިން ދެއްކި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ ކޮން ކަމަކަށްތޯ އެ ލިބޭ އާމްދަނީ އެ ބޭފުޅުން ހޭދަކުރަމުންދަނީ،" މުނައްވަރު ވިދާޅުވި އެވެ.
އެއީ ޑޮލަރުން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ޑޮލަރު މާރުކޮށް އާމްދަނީ ހޯދާތީ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ސަރުކާރުން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ބްލެކް މާކެޓުގައި އެ ޑޮލަރު ވިއްކާ ކަމަށް. އަޅުގަނޑުމެންނަށް މޮނީިޓާ ކުރެވޭނީ ތަފާސްހިސާބު ލިބިގެންތާ. އެހެންވެ އެ އިސްލާހު ވެސް އަޅުގަނޑުމެން މި ގެންނަނީ،" މުނައްވަރު ވިދާޅުވި އެވެ.
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
އައިކޮމްގެ މަގާމަށް ކުރީގެ ކޮމިޝަނަރު އަޒީގެ ނަން މަޖިލީހަށް
