ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކުރެވޭ ގޮތަށް ހެދުން ލާޒިމުކޮށް ޓެކްސީ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވަނީ ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި މި ގޮތަށް ކޮށްފައިވާ ރިކޯޑިންގްތައް، އެންމެ މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ ކަމަށެވެ.
ޓެކްސީގެ ގަވައިދުން ޓެކްސީގެ މިންގަނޑުތަކަށް ގެނައި ބަދަލުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީ ކާރެއްގައި ވެސް ދަތުރުތަކުގެ އަގު ލިސްޓު ފެންނަ ގޮތަށް ބަހައްޓަން ޖެހެ އެވެ.
މިއަގުތަކަކީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު ނުވާ އަގުތަކަށް ވާންޖެހެ އެވެ.
އެ ގަވައިދުގައި ކާރު ޓެކްސީގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ސައިކަލު ޓެކްސީގެ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ. ހަމަ އެއާއެކު، ޕްރައިވެޓް ހަޔާގައި ޓެކްސީ ހިދުމަތް ދިނުމުގެ ބައެއް ވެސް ވަނީ ހިމަނައިފަ އެވެ.
ރާއްޖޭގައި ޕްރައިވެޓް ހަޔާގައި ޓެކްސީ ސެންޓަރެއް މެދުވެރިނުކޮށް ޓެކްސީގެ ހިދުމަތް ދެވޭނީ، މިނިސްޓްރީން އާންމުކުރާ މިންގަނޑުތަކަށް ފެތޭ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
އޭގެ އިތުރުން ބަލިމީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހުސާސް ކުރަން ޖެހިފައިވާ މީހުން ޓެކްސީއަށް އަރައި ފޭބުމުގައްޔާއި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާއި ލަގެޖް ޓެކްސީއަށް އަރުވައި ބާލައިދިނުމުގައި އެހީތެރިވާންޖެހޭނެ އެވެ. އަދި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެކެވެ.
ޓެކްސީ އަލަށް އެކުލަވާލި ގަވައިދުގައި ހިމެނޭ ބައިތައް:
- އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ބޭރަށް ފެންނަ ގޮތަށް ޓެކްސީގެ ބިއްލޫރި ހުރުން
- އުޅަނދުގެ ކުރީ ސީޓަށާއި ފަހަތު ސީޓަށް އަރައި ފޭބޭ ގޮތަށް މަދުވެގެން ހަތަރު ދޮރުފަތް ހުރުމާ އެކު، ޖާގައިގެ ގޮތުން ތަނަވަސް ޑިކީއެއް ހުރުން
- ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކާ އުޅަނދުގެ ވިންޑްސްކްރީންގައި ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން
- އުޅަނދުގެ ދެ އަރިމަތީގައި ބޭރަށް ފެންނަ ގޮތަށް، ހިދުމަތް ދޭ ޓެކްސީ ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުރުން
- ޓެކްސީ ޑްރައިވަރުގެ ލައިސަންސް ފަސިންޖަރުންނަށް ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން
- ހިދުމަތާ ގުޅޭ ގޮތުން ފަސިންޖަރުން ޝަކުވާ ނުވަތަ ހިޔާލު ހުށަހެޅުމަށް މިނިސްޓްރީން ގާއިމުކުރާ ހޮޓްލައިން ނަންބަރު، އުޅަނދުގެ ތެރޭގައި ފަސިންޖަރުންނަށް ފެންނަ ގޮތަށް ހަރުކޮށްފައި ހުރުން
- ޓެކްސީ ހިދުމަތް ދިނުމުގެ އަގުތަކާއި ތަފުސީލު ފަސިންޖަރުންނަށް ފެންނާނެހެން ހަރުކޮށްފައި ހުރުން
- އެކަށީގެންވާ މިންގަނޑަކަށް އުޅަނދު ސާފުތާހިރުކޮށް ހުރުން
- އެއާކޮންޑިޝަން ކޮށްފައި ހުރުން؛ ނަމަވެސް މައްސަލައެއް ދިމާވެ އޭސީ މަސައްކަތް ނުކުރާ ނަމަ، މައްސަލަ ހައްލުކުރެވެންދެން އެއާކޮންޑިޝަން މަސައްކަތް ނުކުރާކަން ފަސިންޖަރުންނަށް އެންގުމާ އެކު، ވައި ދައުރުވާ ގޮތަށް ޓެކްސީގެ ކުޑަދޮރުތައް ހުޅުވާފައި ހުރުން
ޕިކަޕް ތަކަށްވެސް ކުލިނެގުމުގެ ޤަވާޢިދެއް އޮންނަން ޖެހޭ!