އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީއާއެކީ ސިޔާސީ މަސައްކަތް ކުރާ އަދި ކުރީގެ ޓިކްޓޮކް ތަރި ސޮނާލީ ފޮގަޓް މަރާލި މައްސަލާގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް" ގެ 14 ވަނަ ސީޒަންގައި ވާދަކުރި ބަތަލާ ސޮނާލީ މަރުވީ ގޯއާގައި އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެން ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމަކު އޭނާގެ އާއިލާއިން ވަނީ އޭނާ މަރާލީ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ.
އެހެންނަމަވެސް ސޮނާލީ މަރުގައި ސުވާލު އުފޭ ކަންތައްތަކެއް ހުރުމުން މަރުވި ސަބަބު ދެނެގަތުމަށް ވަނީ ޕޯސްޓްމޯޓަމް ވަނީ ހަދާފަ އެވެ.
ސޮނާލީގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި "މަލްޓިޕަލް ބްލަންޓް ފޯސް އިންޖަރީސް" ލިބިފައިވާކަން ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހަކުން ފޮރެންސިކް ސްޕެޝަލިސްޓަކާ ހަވާލާދީ ބުނެފައި ވަނީ "އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކީ ތާޒާ އަނިޔާތަކެއް" ކަމަށާއި "އަތްތިލަ ޖަހާފައި ނުވަތަ ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަށް ވެދާނެ" ކަމަށެވެ.
ޕޯސްޓްމޯޓަމް ރިޕޯޓް އާންމުކުރިތާ ގަޑިއެއްހާއިރު ފަހުން ގޯއާގެ ފުލުހުން ވަނީ ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރު ކޮށްފަ އެވެ.
އޭނާގެ ޕާސަނަލް އެސިސްޓެންޓުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ސޮނާލީގެ ބޭބެ ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެންޑީޓީވީ ނިއުސް ޗެނަލަށް މައުލޫމާތު ދެމުން ސޮނާލީގެ ބޭބެ ބުނެފައިވަނީ އެ މީހުން ވަނީ އޭނާގެ ކޮއްކޮގެ ސިޔާސީ ކެރިއަރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފައި ކަމަށާއި އޭނާގެ އަމިއްލަ ބައެއް ތަކެތި އަތުލައިގަތް ކަމަށާއި އޭގެ ތެރޭގައި މުދަލުގެ ރެކޯޑްތަކާއި އޭޓީއެމް ކާޑުތައް ވެސް ހިފެހެއްޓި ކަމަށެވެ. އަދި ނޫސްވެރިންނާ ވާހަކަ ދައްކަމުން އާއިލާއިން ބުނީ ސޮނާލީ މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން އެމީހުންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އޭނާގެ އަޑުގައި ހާސްކަމެއް ހުރި ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސޮނާލީ އޭނާގެ އެކުވެރިންނާއެކު ރެސްޓޯރަންޓެއްގައި ހުއްޓާ ނުތަނަވަސްކަމުގެ ޝަކުވާ ކުރި އެވެ. ސޮނާލީ ހޮސްޕިޓަލަކަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.
އުތުރުގެ ސްޓޭޓް ހަރިޔާނާއަށް ނިސްބަތްވާ ސޮނާލީ އަކީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ މެންބަރެކެވެ. 2019 ވަނަ އަހަރުގެ ސްޓޭޓް އެސެމްބްލީ އިންތިހާބުގައި ބީޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ނަމަވެސް ކާމިޔާބު ލިބިފައެއް ނުވެ އެވެ.
ސިޔާސީ ކެރިއަރާއި އެކު ސޮނާލީ ވަނީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ އަކީ ބިގް ބޮސްގެ 14 ވަނަ ސީޒަންގެ އިތުރުން ޓިކްޓޮކްގައި ވެސް މަޝްހޫރު ފަންނާނެކެވެ. އަދި ސަރަހައްދީ ފިލްމުތަކާއި ޓީވީ ޝޯތަކާއި ވެބް ސީރީޒްތަކުގައި ވެސް އޭނާ މަސައްކަތް ކޮށްފައިވެ އެވެ.