އެކްޒީމާއަކީ އެކި އުމުރުފުރައިގެ މީހުންނަށް ދިމާވާ ހަމުގެ މައްސަލަ އެކެވެ. އެގޮތުން އެކްޒީމާ ހުންނަނަމަ، ހަންގަނޑު ކުރަކި ވުމާއި ހިރުވުން އަދި ހަންގަނޑު ރަތްވުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ.

މިފަދަ އަލާމާތެއް ފެންނަނަމަ ކަމުގެ ހަގީގަތް ބެލުމަށް ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދާށެވެ. އަދި އެއީ އެކްޒީމާ ކަމަށްވާނަމަ ލަސްނުކޮށް ފަރުވާ ކުރާށެވެ.

އެކްޒީމާ އަށް ފަރުވާ ކުރުމުގައި ދެ ގޮތެއް ހިޔާރު ކުރެވިދާނެ އެވެ. އެއީ ޑޮކްޓަރީ ބޭސް ބޭނުން ކުރުން ނުވަތަ ގުދުރަތީ ބައެއް ބާވަތްތައް ބޭނުންކޮށްގެން ގޭގައި ފަރުވާ ކުރުމެވެ.

އެގޮތުން މި ލިޔުމުގައި އެކްޒީމާއަށް ގޭގައި ދެވިދާނެ ބައެއް ފަރުވާތަށް ކިޔައިދޭނަމެވެ.

ކާށިތެޔޮ

ކާށިތެލަކީ، ހަންގަނޑު ހިރުވުމާއި އަދި ހިރުވުމުގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ ވޭން، ކުޑަ ކުރުމަށް އެހީތެރިވެދޭ ތެލެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އާދަކޮށް އެއް ފަހަރު ނަމަވެސް ހަށިގަނޑުގައި ކާށިތެޔޮ ހާކާށެވެ. ބޭނުންނަމަ ހަމުގެ ހަލާކުވެފައި ހުންނަ ތަންތަން ނުވަތަ އެކްޒީމާގެ އަސަރު ބޮޑުކޮށް ފެންނަން ހުންނަ ހިސާބުތަކުގައި އެކަނިވެސް އުނގުޅިދާނެއެވެ.

ރީނދޫ

އެންޓި އިންފްލިމޭޓަރީ އަދި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީސް އެކުލެވޭ ރީނދުލަކީ ވެސް އެކްޒީމާއަށް ފަރުވާ ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން ރީނދޫކޮޅަކާއި ފެންފޮދެއް އެއްކޮށްލުމަށްފަހު އެކްޒީމާގެ އަސަރުކޮށްފައި ހުންނަ ހިސާބުތަކުގައި އުނގުޅާށެވެ.

ސްޓްރެސް ކުޑަ ކުރުން

މާ ބޮޑަށް ސްޓްރެސް ވުމަކީވެސް އެކްޒީމާގެ ހާލަތު އިތުރަށް ގޯސް ކުރުވާނެ ކަމެކެވެ. އެހެންކަމުން އަބަދުވެސް ސްޓްރެސް ކުޑަ ކުރުމަށް ނުވަތަ ސްޓްރެސް ނުވުމަށް މަސައްކަތް ކުރާށެވެ.

މެގްނީސިއަމް

މެގްނީސިއަމް އެއްކޮށްފައި ހުންނަ ފެނުން ފެން ވެރުމަކީ ހަންގަނޑަށް އަރާމު ލިއްބައިދޭނެ ކަމެކެވެ. އަދި އެއީ އެކްޒީމާ ފަސޭހަކުރުމަށް މަގުފަހި ކޮށްދީ އެކްޒީމާ ޖެހިފައިވާ މީހުންވެސް އަރާމު ކޮށްދޭނެ ކަމެކެވެ.

އެގޮތުން ފެނަށް ދެ ޖޯޑު އެޕްސަމް ސޯލްޓު ނުވަތަ މެގްނީސިއަމް ފްލޭކްސް އާއި ބައި ޖޯޑު ހިމާލިޔަން ނުވަތަ ސީ ސޯލްޓު، ބައި ޖޯޑު ގުދުރަތީ ވެނީލާ އެކްސްޓްރެކްޓު، އަދި 15 ތިކި އެސެންޝިއަލް އޮއިލް އަޅައި އެ ފެނުން ފެންވަރާށެވެ.