މ. މަޑުއްވަރީގެ ބަނދަރު ހެދިގެންދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއިއެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މަޑުއްވަރީ ބަނދަރު ސަރަޙައްދުގަ އެވެ.

މަޑުއްވަރީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ކުރިން މަޑުއްވަރީ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވި ކަމަށާއި، ކައުންސިލުން ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި، ބަނދަރުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މަޑުއްވަރީގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވާ ކަމަށާއި، ބަނދަރުގެ ކޮންސެޕްޓް ފައިނަލް ވީހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މަޑުއްވަރީގެ ބަނދަރުގެ މަސައްކަތް ނުފެށި އޮތީ އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނާއި މެދު ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އޮތުމުގެ ސަބަބުންނެވެ. ރައީސް ވިދާޅުވީ، ބަނދަރު ހެދުމަށް ޕްލޭނިން މިނިސްޓްރީން ހަދާފައިވާ ޑިޒައިނާއި ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީގެ ޓީމެއް ވަޑައިގެން ރައްޔިތުންނާއި މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަޝްވަރާކުރެވި ރައްޔިތުން ނިންމާގޮތެއްގެ މަތީންކަމުގެ ޔަގީންކަން ރައީސް ވަނީ މަޑުއްވަރީގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

މަޑުއްވަރީގެ ސިއްހީ ހިދުމަތާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ކުރިން ދެމުން އައި މޮބައިލް ލެބޯޓްރީގެ ހިދުމަތްވެސް ވަރަށް އަވަހަށް އަލުންފެށިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މަޑުއްވަރީގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެން ކުރިޔަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫއުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މ. އަތޮޅަށް ކުރަައްވާ ދަތުރުފުޅުގައި ދެން ވަޑަައިގަންނަވާނީ މ. ދިއްގަރަށެވެ.