ކަރާޗީ (28 އޮގަސްޓް) - ޕާކިސްތާނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް އަރައިފި އެވެ.

ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1000 އަށްވުރެ މަތިވެފައިވާއިރު ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކުރަން ޖެހިފަ އެވެ.

އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 119 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފައިވެ އެވެ.

ޕާކިސްތާނަށް އަހަރަކު ހަތަރު ފަހަރު ވިއްސާރަ މޫސުން ކުރިމަތިވާއިރު މިއީ ދަނޑުގޮވާން ކުރުމަށް މުހިއްމު ދުވަސްވަރެކެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް މި މޫސުމާއެކު ގިނަ ގެއްލުންތަކެއް ލިބެ އެވެ.

މިއަހަރުގެ ވިއްސާރަ މޫސުމުގައި ގެއްލުންވި މީހުންގެ އަދަދު 33 މިލިއަނުގައި ރެކޯޑު ކުރެވިފައިވާއިރު މިއީ އެގައުމުގެ މުޅި އާބާދީގެ ހަތްބައިކުޅަ އެއްބައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން އިތުރަށް ބުނީ މި ވިއްސާރައިގައި ދެ މިލިއަން އޭކަރުގެ ބިމުގައި ހައްދާފައިހުރި ގޮވާން ހަލާކުވެފައިވާއިރު 3451 ކިލޯމީޓަރުގެ މަގުތައް ހަލާކުވެ 149 ބްރިޖެއް ބޭނުން ނުކުރެވޭ ވަރު ވެފައިވާ ކަމަށެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުންނާއި ސަރުކާރުން ގުޅިގެން އަންނަނީ ކުރަމުންނެވެ. -- އަލް އަރަބިއްޔާ