ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި ކެޕްޓަން މުހައްމަދު އަމީން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ހައި ކޯޓުން އިއްޔެ ނެރެފި އެވެ.

އަމީން މޯލްވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ އަމީން އެ މަގާމުން ވަކިކޮށްފައިވަނީ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ.

އެ މައްސަލައިގައި އޭނާ ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މި ދިޔަ ޖޫން މަހު ނިންމާފައިވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް އަލުން އަނބުރާ އޭނާއަށް ދިނުމަށެވެ. އެހެންނަމަވެސް އެ ނިންމުން މޯލްޑިވިއަނުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލަ ބެލުމަށް ފަހު ހައިކޯޓުން ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށްފި ނަމަ، އައިލެންޑް އޭވިއޭޝަންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ފާހަގަކުރެވޭތީ، ވަކި ގޮތެއް އަންގަންދެން އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލަން އަމުރުކޮށްފަ އެވެ.

މޯލްޑިވިއަންގެ ފަރާތުން ބުނީ، އަމީން އެ މަގާމުން ވަކިކުރުމަށް ފަހު އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވަނިކޮށް، އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން ވަކިކުރީ ކަމަށެވެ.

މޯލްޑިވިއަންގެ މައްޗަށް އަމީންއަށް ވަޒީފާ ދިނުމަށް ކުރި ހުކުމުގައިވާ ބުނެފައިވަނީ އަމީން އަދާކުރި މަގާމަކީ ވަކި މަގާމެއް ނޫން ކަމަށާއި، އެއީ އޭނާ އަދާކުރި ވަޒީފާއާއެކު އޮތް ޒިންމާއެއް ކަމަށެވެ.

މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުންޏަސް އެގޮތަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ އަދި އަމީން ވަޒީފާ އިން ވަކިކުރަންޖެހޭ ކުރަންޖެހޭ މަގްބޫލު ސަބަބެއް މޯލްޑިވިއަން އަށް ދެއްކިފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ޙުކުމުގައިވެ އެވެ.