ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" އަންނަ އާދީއްތަ ދުވަހު ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މި ސްކޫލްގައި 800 އެއްހާ ދަރިވަރުންނަށް ޖާގަ އޮންނާނެ ކަމަށެވެ.

އަދި ހަމަ އެއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަމީލް ދީދީ ޕްރީ ސްކޫލުގެ ނަމުގައި ދެވަނަ ސްކޫލެއްވެސް ހުޅުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެސްކޫލުން ވެސް 800 އެއްހާ ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް އިތުރު ދެ ސްކޫލެއް އެޅުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެއީ ޞަލާހުންދީން ސްކޫލުގެ ނަމުގައި އަޅަމުންދާ 1200 ކުދިންގެ ޖާގައިގެ ސްކޫލަކާއި އަދި ވަކި ނަމެއް ކިޔާފައި ނުވާ 1200 ކުދިންގެ ޖާގައިގެ ސްކޫލެއް" އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން އިތުރު 6000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.