ވޮޝިންޓަން (02 ސެޕްޓެމްބަރު) މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް ކެޕިޓޯލްގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ބައެއް މީހުންނަށް މާލީ އެހީ ދެމުން އަންނަ ކަމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރޭޑިއޯ ޕްރޮގްރާމެއްގައި އިއްޔެ ވާހަކަ ދައްކަވަަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައީސް ކަމަށް އަލުން އޭނާ އިންތިހާބު ވެއްޖެ ނަމަ ޖެނުއަރީ 6 ގެ ބައިވެރިންނާމެދު ގެންގުޅޭނީ ވަރަށް ލުއި ސިޔާސަތުތަކެއް ކަމަށާއި ކުށްވެރިންނަށް މައާފު ވެސް ދެއްވާނެ ކަމަށެވެ.

ޓްރަމްޕަށް ތާއީދުކުރާ އެތައްހާސް ސަޕޯޓަރުން މިދިޔަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓޯލްއަށް ވަދެގަނެ ހަމަނުޖެހުންތައް ހިންގީ އޭގެ ކުރިން ބޭއްވި އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަންއާ ވާދަކޮށް އޭނާއަށް ނާކާމިޔާބުވީ، އިންތިހާބުގައި މަކަރާއި ހީލަަތް ހެދުމުގެ ސަބަބުންކަން ދޭހަވާ މޭރުމަކުން ޓްރަމްޕް ވާހަކަ ދެއްކެވުމުންނެވެ.

"އަލުން އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ވެއްޖެ ނަމަ އެ ދުވަހުގެ ބައިވެރިންނަށް މައާފު ދިނުމާމެދު ވަރަށް ލުއި ސިޔާސަތުތަކެއް ގެންގުޅޭނަން،" ރިޔާސީ އިންތިހާބުގައި އަލުން ވާދަކުރައްވަން ވިސްނަވާ ޓްރަމްޕް ވިދާޅުވި އެވެ.

ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެފައިވާއިރު 140 އަށްވުރެ ގިނަ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ބައިވެރިވި 850 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ސަލާމަތީ ބާރުތަކަށް ހުރަސް އެޅުމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

ޓްރަމްޕް ވަނީ މި ހަމަނުޖެހުންތަކުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެ އެކަމުން އަތް ދަމައިގެންފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް