ކާއިރު ދަރިންނަށް ފޯނު ނުވަތަ ޓީވީ ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ދެއްކުމަކީ އެކަމުގެ ސަބަބުން އެ ކުދިންނަށް ގިނަ ގެއްލުންތަކެއް ލިބޭ ކަމެއްކަން ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އަހަރުމެންގެ މުޖުތަމައުގައި ވެސް ކުޑަކުދިންގެ މެދުގައި މިއީ އާދައަކަށް ވެފައިވާއިރު މިކަން ހުއްޓުވުމަކީ މިއަދު ބެލެނިވެރިންނަށް ކުރަން ޖެހިފައި އޮތް ވަރަށް މުހިއްމު ކަމެކެވެ.

ތިރީގައި މި ބަލާލަނީ ކާއިރު ދަރިން ސްކްރީންއާ ދުރުކުރުވަން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ކެއުމަށް ވަކި ހާއްސަ ގަޑިއެއް ކަނޑައެޅުން

ކޮންމެ އިރެއްގެ ކެއުމަށް ވެސް ވަކި ގަޑިއެއް ކަނޑައަޅައި އެގޮތުގެ މަތިން ދަރިން ހޭނުވުމަކީ ކާ ވަގުތު އެހެނިހެން ކަންކަމަށް އެ ކުދިންގެ ސަމާލުކަން ދިއުން މަދުވާނެ ކަމެކެވެ. މި ގޮތަށް ހޭނިފައި ތިބޭ ކުދިން ކާ ގަޑި ޖެހުމުން އެކަމަށް ހުސްވެ ތައްޔާރުވާނެ އެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތައް ކާގެއާ ދުރުކުރުން

ނާސްތާ ކުރާއިރު ކެއުން ފިޔަވައި އެހެން ކަމަކަށް ސަމާލުކަން ހުއްޓުވާނެ ފަދަ ޓެކްނޮލާޖީގެ ވަސީލަތްތައް ކާގެއިން ނުވަތަ ކާ ސަރަހައްދުން ދުރު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން ފޯނާއި ޓީވީ އަދި ވީޑިއޯ ގޭމްސް ކާ ސަރަހައްދުގައި ފެންނަ ގޮތަށް ނުބެހެއްޓުން ރަނގަޅުވާނެ އެވެ.

އާއިލާ އެކުގައި ނާސްތާ ކުރުން

އާއިލާ އެކުގައި އެއް ވަގުތެއްގައި ކާނަމަ ކާ ވަގުތު ދަރިންގެ ސަމާލުކަން ސްކްރީންތަކަށް ދިއުން މަދުވާނެ އެވެ. އޭގެ ބަދަލުގައި އާއިލާއާއެކު ހޭދަކުރެވޭ އުފާވެރި ވަގުތުކޮޅަކަށް ނާސްތާ ކުރާ ވަގުތު ހަދަން އެކުދިން ވެސް މަސައްކަތް ކުރާނެ އެވެ.