ވޮޝިންޓަން (03 ސެޕްޓެމްބަރު) - ފްލޮރިޑާގައި ހުންނަ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ގެކޮޅު ފާސް ކުރުމުގެ ތެރޭގައި އެމެރިކާ ސަރުކާރުގެ 11000 އަށްވުރެ ގިނަ ލިޔެކިޔުންތަކާއި ފޮޓޯތައް ފެނިފައިވާ ކަމަށް ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ބުނެފި އެވެ.

ހުކުރު ދުވަހު އާއްމުކުރި ކޯޯޓުގެ ރެކޯޑުތައް ބުނާގޮތުން އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ ގެ ފާސްކުރުމުގެ ތެރޭގައި ގިނަ ލިޔެކިޔުންތަކަކާއި ފޮޓޯތަކެއްގެ އިތުރުން "ކްލެސިފައިޑް"ގެ ނަމުގައި ހުރި ގިނަ ހުސް ފައިލުތަކެއް ވެސް ފެނިފައިވާ ކަމަށެވެ.

ފްލޮރިޑާގެ ޑިސްޓްރިކްޓް ކޯޓުން މި ރިކޯޑުތައް އާއްމުކޮށްފައި މިވަނީ ލިޔެކިޔުންތަކުގެ އިތުރު ތަހުގީގުތައް ހިންގުމާމެދު ދައުލަތުގެ ވަކީލުންނާއި ޓްރަމްޕްގެ ވަކީލުންނާ ދެމެދު ޝަރީއަތުގައި ހޫނުގަދަ ބަހުސެއް ކުރެވިފައި ވަނިކޮށެވެ.

މި ލިޔެކިޔުންތަކުގެ އިތުރު ތަހުގީގުތައް ކުރަން ޖެހޭއިރު އެއީ އެއްވެސް ބޭނުމެއް ނެތް ބޭކާރު ކަމެއް ކަމަށް ޓްރަމްޕްގެ ވަކީލުން ވަނީ ބުނެފަ އެވެ.

"އެފްބީއައިއިން އެ ލިޔެކިޔުންތައް ބަލާފައިވާއިރު އިތުރަށް ބެލުމަކީ ވަގުތު ބޭކާރު ކުރުން،" ޓްރަމްޕްގެ ވަކީލުން ބުނެފައިވެ އެވެ.

ޓްރަމްޕްގެ ވަކީލުން އިތުރަށް ބުނެފައިވަނީ ހުސް ފައިލުތަކެއް އިތުރަށް ތަހުގީގު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި މިއީ ސަރުކާރުން ޓްރަމްޕްއާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

މިކަމާ ގުޅިގެން ކޯޓުން ބުނެފައިވަނީ އެފްބީއައިއިން ޓްރަމްޕްގެ ގެ ފާސްކުރަން ދިއުމުގެ ކުރިން ބައެއް ފައިލްތައް ހުސްކޮށް ހެކި ފޮރުވަން މަސައްކަތް ކޮށްފައިވާފަން އެނގެން އެބަހުރި ކަމަށެވެ.

އެހެން ނަމަވެސް މިކަން އިތުރަށް ތަހުގީގު ކުރަން އިތުރު ޓީމެއް އެކުލަވާލުމާމެދު ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. -- ރޮއިޓާސް