ކުޅަނދު މަދުވަނީ ކިހިނެއްކަމާއި ކުޅަނދު ހަމަވުމަކީ ކޮބައި ކަމާ ކުޅަނދު ހަމަވަނީ ކޮންބައެއްކަމުގެ ވާހަކަ އިހަށް ބާއްވާށެވެ. އެ ވާހަކަ ދައްކާނީ އަދި ފަހުންނެވެ. އޭގެ ކުރިން ދައްކަން ހުރި ވާހަކައަށް ދާން ޖެހެ އެވެ. އެއްވެސް ވާހަކައެއް ދެއްކެން އޮތީ މާލެ ސަރަހައްދުން ގޯތި ދިނުމާ ބެހޭ ގޮތުން ދިވެހި ސަރުކާރުގެ ގޯތި ގެދޮރާބެހޭ މިނިސްޓަރު މުހައްމަދު އަސްލަމު ދައްކަވަމުން ގެނަދަވާ ވާހަކަ ތަކަށް ބަލައިލުމަށް ފަހު އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދެއް ފުއްދުމުގެ ބޭނުމުގައި މާލޭގެ ރައްޔިތުންނަށް މާލެއާއި ހުޅުމާލެއާއި އޭގެ އިތުރުން ވެސް މާލެކައިރީ ފަޅުތައް ހިއްކައިގެން ހިލޭ ގޯތިތަކެއް ދޭން އުޅޭ އުޅުން، ވީ ރާއްޖޭގެ ގިނަ ބަޔަކަށް ކަމު ނުދިޔަ ގޯސް އަމަލަކަށެވެ. އެކަން އެންމެ ބޮޑަށް ކަމުނުގޮސް މައްސަލައަކަށް ވީ މާލޭގެ ރަށްވެހިންގެ ގޮތުގައި ހިމެނޭ މީހުންކަމުގައި ހައުސިން މިނިސްޓްރީން ކަނޑައެޅި އުސޫލެވެ.
އެ އުސޫލުގެ ދަށުން މާލޭގެ ދަފުތަރުގައި ތިބި މިހުންގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުން މާލެއަށް ހިޖުރަކޮށް، މާލޭގެ ގޭގޭގައި ރަޖިސްޓްރީވެ، ރަށް ވެހިކަން ލިބިފައިވާ މީހުން ވެސް ގޯތި ލިބޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތަށް ނުފެތެ އެވެ. މި ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އުފަންވި މާލެ- ރާއްޖެތެރޭގެ އަރައިރުން ބާރަށް ކުރިޔަށް ދަނިކޮށް ގޯތި ދިނުމުގެ އުސޫލު ދިފާއުކުރައްވައި ހައުސިން މިނިސްޓަރު އަސްލަމު ގެންދަވަނީ ތަފާތު އެކި މުނާސަބަތުތަކުގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމްގެ ވާހަކަ
1. މާލެއިން ގޯތި ލިބޭނީ މާލޭ މީހުންނަށް
އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ގޯތި ދިނުމަށް ގެންގުޅުއްވާ ސިޔާސަތު ދިފާއުކުރައްވައި މިނިސްޓަރު އަސްލަމު ވިދާޅުވެފައި ވަނީ މާލެއިން ގޯތި ލިބޭނީ މާލޭ މީހުންނަށް ކަމަށެވެ.
މި ވާހަކައިގެ ރާގަށް ބަލާއިރު އެއީ އެއްވެސް މައްސަލައެއް އޮތް ވާހަކައެއް ކަމަށް ނުފެނެ އެވެ. ސަބަބަކީ އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ގޯތި ދެނީ އެ ރަށެއްގެ ރަށްވެހިންނަށް ކަމުން މާލެއިން މާލޭގެ ރަށް ވެހިންނަށް ގޯތި ދިނުން ރަނގަޅުކަމުގައި ގަބޫލު ކުރެވޭތީ އެވެ. މި ވާހަކައިގެ މައްސަލަ ޖެހޭ ހިސާބަކީ މާލެއަކީ ކޮބާކަމާއި މާލޭގެ ރަށްވެހިންނަކީ ކޮން ބައެއްކަން ކަނޑައަޅާ ހިސާބެވެ.
މާލެއަކީ ކ. އަތޮޅު މާލެ އެވެ. ރާއްޖޭގެ އެހެން ރަށްރަށް ވެސް އުފެދިފައި އޮންނަ ފަދައިން ފަޅެއްގެ ތެރޭގައި ހިކިފައި އޮތް ރަށެކެވެ. މާލެ އޮތް ފަޅުގައި އޮތް ރަށެއް ނަމަ އެ ރަށެއް ވެސް ހިމެނޭ ގޮތަށް މުޅި ފަޅު މިހާރު ވަނީ ހިއްކައިފަ އެވެ. މިހާރުގެ މާލެއަކީ ގުދުރަތީ މާލެއަށް ވުރެ ދެގުނަ ބޮޑުކޮށްފައި އޮތް ރަށެކެވެ.
އެ ރަށުން މާލޭ މީހުންނަށް ގޯތި ދޭނެ ވަރަކަށް ދޭންވީ އެވެ. އެކަމަކު މިނިސްޓަރު އަސްލަމްގެ ވާހަކަފުޅުގައި ވިދާޅު ވަނީ މާލެ ސަރަހައްދުގެ ވާހަކަ އެވެ. އެ އިޝާރާތް ކުރައްވާ މާލެ ސަރަހައްދަކީ ހަމަ އެކަނި މާލޭގެ މީހުންގެ މިލްކަކަށް ވާކަށް ރާއްޖޭގެ އެއްވެސް ބަޔަކު ގަބޫލެއް ނުވާނެ އެވެ. ސަބަބަކީ ހުޅުލޭ ފަޅާއި ގުޅި ފަޅާއި ގިރާވަރު ފަޅު ހިއްކަން ޚަރަދު ކުރަނީ ދިވެހި ހުރިހާ ރައްޔިތުން ޒިންމާވާން ޖެހޭ ގޮތަށް ނަގާ ބޮޑެތި ލޯނުން ޚަރަދުކޮށްގެން ކަމަށް ވާތީ އެވެ. އަދި އެ ފަޅުތަކަކީ މާލެ ކަމަށް ވެސް ނުވާތީ އެވެ.
2. ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ގޯތި ލިބެނީ އެރަށެއްގެ އުފަން ރައްޔިތުންނަށް
ހައުސިން މިނިސްޓަރު އަސްލަމް މާލެ ސަރަހައްދުން ގޯތި ދިނުމުގައި ގެންގުޅުއްވާ ސިޔާސަތު ދިފާއުކުރެއްވުމަށް ހުއްޖަތެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވި އަނެއް ވާހަކަފުޅަކީ ޒަމާނުއްސުރެ ވެސް ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ގޯތި ލިބެނީ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށް ވިދާޅުވާ ވިދާޅުވުމެވެ.
މިއީ މާލެއިން މާލެ ނޫން މީހުނަށް ގޯތި ލިބިގެން ނުވާނެ ކަމަށް ވަކާލާތުކުރާ މާލޭގެ ވެސް ބައެއް މީހުންގެ ހުއްޖަތެކެވެ. އެހެން ނަމަވެސް އެއީ ބޮޑު އޮޅުވައިލުމެކެވެ. ނުވަތަ އަރާފައިވާ އޮޅުމެކެވެ. ކަމުގެ ހަގީގަތް އެންމެ ރީތިކޮށް ފެންނަން އޮތީ ވެސް މާލެއިންނެވެ.
ރާއްޖެތެރޭގެ އެތައް އާއިލާއަކަށް މާލެއެއިން ގޯތި ލިބި އެ މީހުންގެ ދަރިފަސްކޮޅު މާޅޭގައި ދެމިގެން އައީ މާލެ އުފަން ނޫން މީހުންނަށް މާލެއިން ޒަމާނުއްސުރެ ވެސް ބިން ލިބޭތީ އެވެ. މި އުސޫލު ރާއްޖެތެރޭގެ ހުރިހާ ރަށެއްގައި ވެސް އޮތީ މިހެންނެވެ. ކޮންމެ ރަށަކުން ވެސް ގޯތި ދިނުމުގައި ބަލަނީ އެ ގޯތި ލިބޭ މީހާއަކީ އެ ރަށެއްގައި ރަށްވެހި ވެފައިވާ މީހެއްތޯ އެވެ. އެ މީހާ އުފަންވީ ކޮން ރަށަކަށް ތޯ ނުބަލަ އެވެ. އެ އުސޫލު މާލޭ މީހުންނަށް ވެސް ހިނގަ އެވެ. ރާއްޖެތެރޭގެ ބިން އޮވެ ގޯތި ދޫކުރާ ކޮންމެ ރަށެއްގެ ވެސް ރަށްވެއްސަކަށް ވެފައިވާ މާލޭ މީހަކަށް އެ ރަށަކުން ގޯތި ލިބޭނެ އެވެ. އެކަން ހިނގަމުން އަންނަނީ ވެސް އެހެންނެވެ.
ދިމާ ވެގެން އުޅޭ އަސްލު މައްސަލަ
ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް މީހަކު މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރި ޚަބަރު ފެތުރުމާއެކު ނިލަންދޫ ރައްޔިތުން އަވަސްވެގަތީ ޝާހިލްއަކީ ނިލަންދޫ މީހެއް ނޫންކަން ސާބިތު ކޮށްދޭށެވެ. ހަގީގަތަކީ ޝާހިލްގެ ބައްޕަ ނިލަންދޫ މީހަކަށްވުމުން ޝާހިލް ނިލަންދޫގައި ރަޖިސްޓްރީ ވާން ޖެހުމެވެ. އެހެން ނަމަވެސް ޝާހިލް އުފަންވީ ވެސް އަދި އޭނާގެ މުޅި ހަޔާތް ހޭދަ ކުރީ ވެސް މާލޭގަ އެވެ. ނިލަންދު އަށް ޝާހިލް ނުވެސް ދެ އެވެ. އެކަމަކު ރާއްޖޭގެ ކަންތައް އޮތް ގޮތުން ނިލަންދޫގެ ކައުންސިލާއި ނިލަންދޫ ދާއިރާ ތަމްސީލް ކުރާ މަޖިލީސް މެންބަރު ހޮވެން އޮތީ ޝާހިލުގެ ވޯޓާ ވެސް އެކު އެވެ.
އޭނާ ވިހައި ބޮޑުވެ، ދިރި އުޅޭ ރަށުގެ ކަންތައްތަކަށް ބަސް ބުނުމުގެ ހައްގު ލިބުމުގެ ބަދަލުގައި އޭނާއަށް ޖެހިފައި ވަނީ، އޮންނަ ގޮތެއް ވެސް ނޭގޭ ރަށެއްގެ ސިޔާސަތުތައް ކަނޑައަޅާނެ ބަޔަކު ހޮވުމަށް ވޯޓު ދޭށެވެ. މިއީ މިކަން އޮންނަން އޮންނަން ޖެހޭ ގޮތް ހެއްޔެވެ؟
ރާއްޖެ ކުރިއަރައިފި އެވެ. އެ ކުރި އެރުން ރަމްޒުކޮށްދޭ ފެހިކުލައިގެ ގާނޫނު އަސާސީއަކާއެކު ޑިމޮކްރަސީ ވެސް މިއަދު ވަނީ ފައްކާވެފަ އެވެ. ކުރި އަރާފައިވާ މި މުޖުތަމައަށް ރަށްވެހިކަމުގެ ގާނޫނުތައް އެބަ ފެތޭ ހެއްޔެވެ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންތައް އޮންނަ ގޮތަށް ކަންތައްކުރަން ބޭނުންނަމަ ސަރުކާރުގެ ޒިންމާއަކަށް ވާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމެވެ. އެންމެނަކަށް އެކަމެއް ބޭނުމެއް ނުވާނެ އެވެ. ބޯހިޔާ ވަހިކަން ބޭނުން މީހުންނަށް ބިން ދޭކަށް ނުޖެހޭނެ އެވެ. އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫނެވެ.
ހުޅުމާލެއިން ބިމެއް ދިނުމެކޭ ރިސޯޓެއް ހަދަން ފަޅު ރަށެއް ދިނުމެކޭ މާބޮޑު ތަފާތެއް ނެތެވެ. އެހެންކަމުން އެފަދަ ބިންތައް ހިލޭ އެއްވެސް ބަޔަކަށް ދެވިގެން ނުވާނެ އެވެ. އަދި އެ ބިންތައް ވިއްކުމުގައި އެ މީހާ އުފަންވި ރަށަކަށް ބެލޭ ގަވާއިދެއް ވެސް އޮވެގެން ނުވާނެ އެވެ.
ހައްލަކީ ކޮބާ؟
ތަހުޒީބުވެފައިވާ ގައުމުތަކުގައި ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންތައް އޮންނަނީ ކައުންސިލްތަކަށެވެ. އެ ބާރު ކައުންސިލްތަކަށް ސަރުކާރުން ދޭން ޖެހެ އެވެ. އެ ކައުންސިލެއްގެ ދާއިރާގައި އުޅޭ މީހުންގެ ރަޖިސްޓަރީ ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއަކަށްވާން ޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ބަދަލުގައި ދާއިރާތަކަށް ވޯޓުލެވޭ މީހުންގެ ލިސްޓް ކައުންސިލުގެ ރަޖިސްޓްރީގެ ތެރެއިން އެކުލަވާލެވެން ޖެހެ އެވެ. އުފަންވި ރަށަށް ބެލުމުގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ރަށަކަށް އެ މީހެއްގެ ޒިންމާއާއި ހައްގުތައް ބަދަލުވާން ޖެހެ އެވެ. މިކަމަށްޓަކައި ހަދަން ޖެހޭ ގަވާއިދުތައް ހަދައި ހަރުދަނާ ގޮތެއްގައި ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބި ދޭން ޖެހެ އެވެ.
މާލީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެއަށް އަންނަމުންދާ ތަރައްގީގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން ހިމެނެން ޖެހެ އެވެ. ބައިބައިވުމާއި ނަފުރަތުވުން އުފެދޭނެ ކަންތަކަށް ހުޅުވިފައި ހުރިދޮރުތައް ބަންދު ކުރަން ޖެހެ އެވެ. އެކަން ކުރަން ޖެހެނީ ސަރުކާރުން ނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާނަމަ އެފަދަ ސަރުކާރެއްގެ "ކުޅަނދު" ހަމައެއް ނޫނެވެ.