ފަލަސްތީނުގެ ކަންކަމުގައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކަށް އެހެން އެއްވެސް ފަރާތަކުން ބާރު ނުފޯރުވޭނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޔައިރް ލެޕިޑް ވިދާޅުވެއްޖެ އެވެ.

ލެޕިޑް މިހެން ވިދާޅުވެފައި މިވަނީ ހުޅަނގު އައްސޭރީގެ ދާޚިލީ ކަންކަމުގައި އިޒުރޭލުން ގެންގުޅޭ ސިޔާސަތުތައް އަލުން ބަލަން ޖެހޭ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

"އަމިއްލަ ގައުމު ދިފާއު ކުރުމަށްޓަކައި އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކަށް އެހެން އެއްވެސް ފަރާތެއްގެ ބާރެއް ނުހިންގޭނެ،" ލެޕިޑް ވިދާޅުވި އެވެ.

އެމެރިކާގެސްޓޭޓް ޑިޕާޓްމަންޓުން އިޒްރޭލުގެ ސިޔާސަތުތައް ބަލަން ބުނެފައި މިވަނީ ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އެލެކް މަރުވީ އިޒްރޭލުގެ ސިފައިންގެ ހަމަލާއަކުން ކަން ހާމަވެފައި ވަނިކޮށެވެ.

ފަލަސްތީނަށް އިޒްރޭލުން ދިން ހަމަލާއެއް ކަވަރު ކުރަމުން ދަނިކޮށް މެއި މަހުގެ 11 ވަނަ ދުވަހު އިޒްރޭލުން ޝީރީން މަރާލީ ގަސްދުގައި ކަމަށް ފަލަސްތީނުގެ ރައްޔިތުން ތުހުމަތު ކުރެ އެވެ.

ނަމަވެސް މި ތުހުމަތުތަކަށް އިންކާރު ކުރަމުން އިޒްރޭލުން ބުނީ ޝީރީންގެ މަރާމެދު ހިތާމަކުރާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި އިޒްރޭލުގެ ދައުރެއް ނެތް ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން އެގައުމުގެ ހަރަކާތްތައް އިތުރު ކޮށްފައިވާއިރު އެމެރިކާގެ އިތުރުން އދން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. – އަލް އަރަބިއްޔާ