އިނގިރޭސި ވިލާތަށް އިއްޔެ އިރުއޮއްސުނީ ހިތާމަވެރި ހަބަރަކާއިގެންނެވެ.
އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއެކު މުޅި ގައުމު އޮތީ މަޑުމޮޅިވެފަ އެވެ.
އިއްޔެ މެންދުރުގެ ވަގުތެއްގައި ރާނީގެ ހާލުކޮޅު ދެރަވެ ފަރުވާ ދެވެން ފެށުނުއިރު އޭގެ ކުޑައިރުކޮޅެއް ފަހުން ބަކިންހަމް ޕެލެސްއިން ވަނީ އެކަަމަނާ އަވަހާރަވިކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.
އެއީ އިނގިރޭސި ވިލާތަށް ރޭގަނޑުގެ ވަގުތަށް ވީ ނަމަވެސް މި ހަބަރާއެކު އެތައް ސަތޭކަ ބަޔަކު ވަނީ ގަނޑުވަރުކޮޅު ބަކިންހަމް ޕެލެސް ކައިރިއަށް އެއްވެ ހިތާމަފާޅުކޮށްފަ އެވެ.
އޭގެ އިތުރުން ވެސް އެ ގައުމުގެ މަގުތަކުގައި ވެސް މީހުން އެއްވެ، ހިތާމަފާޅުކުރާއިރު ގިނަ ބަޔަކު އަންނަނީ މިއީ އިނގިރޭސި ވިލާތުގެ ބިންގާ ވެއްޓުން ކަމުގައި ބުނަމުންނެވެ.
އެލިޒަބަތު އަވަހާރަވުމާއެކު އެގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ވާއިރު އެކަމަނާގެ ޖަނާޒާއަށްޓަކައި ގައުމީ ހިތާމައިގެ ދިހަ ދުވަސް ވަނީ ކަނޑައަޅާފަ އެވެ.
މިކަމާ ގުޅިގެން ރަސްކަމަށް ދެން އިސްވެ ވަޑައިގަންނަވާ އެލިޒަބަތުގެ ދަރިކަލުން ކިންްގް ޗާލްސް ތިންވަނަ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މިއީ އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ އިތުރުން މުޅި ދުނިޔެއަށް ވެސް ހިތާމަވެރި ވަގުތެއް ކަމަށާއި މި ދަނޑިވަޅުގައި އެބޭފުޅާއާއި އާއިލާއަށް ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ރާނީގެ ހާލުކޮޅު ދެރަވުމާއެކު ޝާހީ އާއިލާއާ ވަކިވި ޕްރިންސް ހެރީ ވެސް ވަނީ އެކަމަނާ އޮންނެވި ބަލްމޯރާއަށް ވަޑައިގަންނަވާފަ އެވެ. އެހެން ނަމަވެސް އަނބިކަނބަލުން މޭގަން މާކެލް ހެރީއާއެކްު ވަޑައިގެންފައެއް ނުވެ އެވެ.