މާލޭގެ ވެޓްމާކެޓް ތަރައްގީކޮށް ނިންމުމަށްފަހު އަލުން ކައުންސިލާ ހަވާލުކުރާ ގޮތަށް، އެ މަސައްކަތް ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގަ އެވެ. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު އިއްވެވި މި ގަރާރު ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ ތާއީދާއެކުގަ އެވެ.

މި ގަރާރުގައިވާ ގޮތުން ވެޓްމާކެޓް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓު ސަރަހައްދުގެ 17558 އަކަފޫޓަށްވުރެ ބޮޑު ބިމުގަ އެވެ. އެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމައި އަލުން ކައުންސިލާ ހަވާލުކުރަންޖެހޭނެ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ކައުންސިލުން ވަނީ ޝަރުތުކޮށްފަ އެވެ. މީގެ އިތުރުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށްގެންދިއުމަށާއި، މަސައްކަތް ފެށުމުގެ ކުރިން މިހާރު އެ ސަރަހައްދުގައި ތިބި ފަރާތްތަކަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދޭންޖެހޭނެ ކަމަށް ގަރާރުގައިވެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެތަން ވީހާވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ވެޓްމާކެޓުގެ މައްސަލަ ވަކިން އޮޑިޓްކުރުމަށްފަހު ފާހަގަވި ކަންތައްތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ކައުންސިލްގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން މޭޔަރު ވަނީ، މިކަމުގައި މިހާތަނަށް ކައުންސިލުން ނުދޭ އެއްބާރުލުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބިން ހަވާލުކުރުން ލަސްވީ ކުރީގެ މޭޔަރު މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެތަން ތަރައްގީކުރަން ދެ ފަރާތަކާ ހަވާލުކޮށްފައިވުމުން އެ މައްސަލަ ހައްލުކުރަން ޖެހުމުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.