ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ނިދަން އޮށޯވެވެނީ މެންދަން ވާން ގާތްވެފައި ވަނިކޮށެވެ. އެހެން ނަމަވެސް މިއީ އަހަރުމެންގެ ކިބައިގައި އަށަގަނެފައިވާ ވަރަށް ގޯސް އާދަ އެކެވެ. އިސްލާމް ދީނުގައި ވެސް އަންގަވާފައިވާ ފަދައިން ސިއްހީ ގޮތުން ވެސް އެންމެ ރަނގަޅީ އިރާކޮޅު އަވަހަށް ނިދުމެވެ. ސަބަބުތައް ބައިވަރެވެ.

ބަލިތަކުން ރައްކާތެރިކޮށްދޭ

ބައެއް ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި އަވަހަށް ނިދުމަކީ ކެންސަރުފަދަ ބޮޑެތި ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މިގޮތުން އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުން ހާމަކޮށްފައިވާ ގޮތުގައި ރަނގަޅަށް ނިދުމަކީ ބޮޑެތި ބަލިތަކުން އިންސާނާ ރައްކާތެރިކޮށްދޭ ކަމެކެވެ.

ހަނދާން ގަދަކޮށްދޭ

ދިރާސާތައް ދައްކާގޮތުން ދުވާލަކު ހަތް ގަޑިއިރަށް އާންމުކޮށް ނިދާ މީހުންގެ ހަނދާނުގެ ބާރުގަދަވެ އެވެ. މިގޮތުން ގަވާއިދުން އަދި ގަޑިއަށް ނިދާ މީހުން ހޭލާ ތިބޭ ވަގުތު ތަކުގައި ކަންކަމަށް ދޭ ސަމާލުކަން އިތުރުވެ އެވެ. ހަމައަށް ނުނިދާ ނަމަ ކަންކަމަށް ސަމާލުކަން ނުދެވި ކަންކަމާ މެދު ވިސްނޭ މިންވަރުވެސް މަދުވެ އެވެ.

ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭ

ހޯދުންތަކުން ދައްކާގޮތުގައި ހަމައަށް ނުނިދޭނަމަ ބަރުދަން އިތުރު ވުމާއި ހަކުރު ބަލިޖެހުމަށް މަގުފަހިވެ އެވެ. އަދި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުން މަދުން ނިދާނަމަ އިންސާނާގެ ހަށިގަނޑުގެ ޖީންތަކަށް ބަދަލުތަކެއް އައިސް މެޓަބޮލިޒަމް ދަށްވެ ފަލަވުމަށް މަގުފަހިވެ އެވެ.

އުފާވެރިކަން އިތުރުކޮށްދޭ

އަވަހަށް ނިދުމަކީ އިންސާނާގެ އުފާވެރިކަންވެސް އިތުރުކޮށްދޭ ކަމެކެވެ. މީގެ އެއް ސަބަބަކީ އަވަހަށް ނިދާ، އަވަހަށް ހޭލާނަމަ އިރުގެ އަލިކަމުގައި ގިނަ ވަގުތު ހޭދަ ކުރެވުމެވެ. އިރުގެ އަލި ޖެހުމުން ސިކުނޑިން ސެރޮޓޮނިން ކިޔާ ހޯމޯނެއް އުފައްދާނެ އެވެ. މިއީ އިންސާނާއަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާ ހޯމޯން އެކެވެ