ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓަކުން މީހަކު ބެލްކަންޏަށް ނުކުމެ އުކި ތަކެތި ޖެހި ވެހިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ހިނގި މި ހާދިސާއާއި ގުޅިގެން ގެއްލުން ވެފައިވާ އުޅަނދުތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މަތިން އުކާލާފައިވާ ތަކެތިން ފްލެޓުގެ ތިރީގައި ޕާކް ކޮށްފައިވާ ދެ ކާރަކާއި ޕިކަޕެއްގެ ވިންޑް ސްކްރީން އުކާލި ތަކެތިން ޖެހި ތަޅައިގެން ގޮސްފައިވެ އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވެ އެވެ.

ނަމަވެސް އެ ސަރަހައްދުގެ ބިންމަތީ މަތިން އުކާލި ގިނަ ތަކެތި ހުއްޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތަކެތި އުކާލާފައިވަނީ ހަތަރުވަނަ ޓަވަރުގެ 17 ވަނަ ބުރިންނެވެ. އުކާލި ބައެއް ތަކެތީގެ ތެރޭގައި ބަދީގޭގައި ބޭނުން ކުރާ ބައެއް ސާމާނާއި ގަސް މުށި ވެސް ހިމެނެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ މެންދުރު 12:53 ގައި ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.