އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވި އަބްދުﷲ ޝާހިދުގެ "އުއްމީދުގެ ރިޔާސަތުގެ" ދައުރު މިއަދަށް ހަމަވެއްޖެ އެވެ.

އދ. ރައީސް ކަމަށް ޝާހިދު އިންތިހާބުވީ އެކަމާ ގުޅޭ ކެމްޕޭނަށް ދިވެހި ދައުލަތުުން ކަނޑައެޅި 4.3 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން ވަރުުގަދަ ކެމްޕޭނެއް ކުރައްވައިގެން މިދިޔަ އަހަރުގެ ޖޫން ހަތްވަނަ ދުވަހު އެވެ. އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމަކުން ޝާހިދުއަށް ވޯޓު ދެއްވާފައިވެ އެވެ.

ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. ޝާހިދު މަގާމާ ހަވާލުވެވަޑައިގެން އެއް އަހަރު ދައުރު ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.

"އުންމީދުގެ ރިޔާސަތު ބިނާކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީ،" ޝާހިދު ވިދާޅުވެފައިވެ އެވެ.

ޝާހިދަށް އެ މަގާމު ލިބިވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު ވިދާޅުވީ މިފަދަ މަޤާމެއް ރާއްޖެއަށް ލިބިގެން ދިއުމަކީ އެހެނިހެން ޤައުމުތަކުން ރާއްޖެއާމެދު ދެކެމުންއައި ގޮތް ބަދަލުވެ, ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު ބުނާ ގޮތުން އުއްމީދުގެ ރިޔާސަތަކަށް މާބޮޑު ކަމެއް ކުރެވިފަ އެއް ނުވެ އެވެ.