އުނަގަނޑުގައި ރިއްސުމަކީ ވަރަށް ގިނަބަޔަކަށް ދިމާވާ ސިއްހީ މައްސަލަ އެކެވެ. މިމައްސަލަ ދިމާވާ ވަރަށް ބައިވަރު ސަބަބުތައް ހުރެ އެވެ.

ގިނަ ވަގުތު އިށީނދެ އިނުމާއި، ކަސްރަތު ކުރެވޭ މިންވަރު މަދުވުމާއި، މަސައްކަތުގެ މާހައުލުގައި ބޭނުންކުރަންޖެހޭ އިންޖީނުލީ ދުއްވާއެއްޗެހި ގިނަ ވަގުތު ދުއްވުމާއި، ބަރު އެއްޗެހި އުފުލުމާއި ސިނގިރޭޓު ބުއިމުގެ އިތުރުންވެސް އުނަގަނޑުގައި ރިއްސާ ސަބަބުތައް ހުރެ އެވެ.

އެމެރިކާގެ މަސާޖު ތެރަޕީ އެސޯސިއޭޝަންއިން 2001 ވަނަ އަހަރުގެ ޖުލައިމަހު ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި، 1997ވަނަ އަހަރުން ފެށިގެން އުނަގަނޑުގައި ރިއްސުމަށް މަސާޖު ކުރަމުން އައި މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވެ އެވެ.

ސިއްހީ ފަރުވާދޭ ގިނަ ބޭފުޅުން މިހާރު ލަފާދޭ ގޮތުގައި، ބޭސް ފަރުވާގެ އިތުރުން، މަސާޖަކީ އުނަގަނޑުގައި ރިއްސާ މީހުންނަށް ވަރަށް މޮޅު ފަރުވާ އެކެވެ. 2001 ވަނަ އަހަރު މިއާމީ ޔުނިވަރސިޓީގެ ޓަޗް އެންޑް ރިސާޗު އިންސްޓިޓިއުޓް އިން ވަނީ އުނަގަނޑުގައި ރިއްސުމަށް ދޭ މަސާޖާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފަ އެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، މަސާޖުގެ ސަބަބުން އުނަގަނޑުގައި ރިއްސުން ކުޑަކޮށްދެ އެވެ. އަދި ހާސްވުމާއި ކަންބޮޑުވުމުން އިންސާނާ ދުރުކޮށްދީ، ނިދުމަށް އެހީވެދެ އެވެ.

މީގެ އިތުރުންވެސް، ސިއްހީ ގިނަ ފައިދާ ތަކެއް މަސާޖު ތެރަޕީއިން ލިބެ އެވެ. މަސާޖު ކުރުމުން ލޭ ދައުރުކުރާ ވަރު އިތުރުކޮށްދެ އެވެ. މީގެ ސަބަބުން މަސްތަކުގައި ރިއްސާ މިންވަރު ކުޑަކޮށްދީ ހެލިފެލިވެ އުޅުމަށް ފަސޭހަވެ އެވެ. އެންޑޯފިން ލެވެލް އިތުރު ކޮށްދިނުމަކީ މަސާޖުގެ ސަބަބުން ކުރާ ވަރަށް ބޮޑު ފައިދާ އެކެވެ. އެންޑޯފިން ލެވެލް އިތުރުވުމުން އިންސާނާއަށް ހިތްހަމަޖެހުން ގެނެސްދީ ދިގު މުއްދަތައް ދެމިގެންދާ ބަލިތައް މަދު ކޮށްދިނުމަށް އެހީއަކަށްވެ އެވެ.

މަސާޖު ކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް ހުރެ އެވެ. މަސާޖު ކުރުމުގައި ރަނގަޅު ފެންވަރެއްގެ ތަމްރީނެއް ލިބިފައި ހުރުމަކީ އެންމެ މުހިންމު ކަންތައްތަކެވެ. ތަމްރީނެއްނެތި މަސާޖުކުރާ މީހުންގެ ސަބަބުން ބައެއް މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރެ އެވެ.