ބައެއްގެ އުޅުން ހުންނަ ގޮތް ދައްކުވައިދޭ މިންގަނޑަކީ އެ ބަޔަކު ދިރިއުޅޭ ތަނުގެ ސާފު ތާހިރުކަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ދުނިޔެ ސާފުކުރުގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީން މިއަދު ބޭއްވި "ދުނިޔެ މަގޭ" ސާފު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އަބަދުވެސް ވެށި ސާފު ކުރުމުގެ ނަމުގައި އެކު ޕްރޮގްރާމްތައް ކުރިއަށްދާ ކަމަށާއި ވެށި ސާފު ކުރުމަކީ ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

" ވަރަށް ނާޒުކު ތިމާވެއްޓެއް އަޅުގަނޑުމެން ރާއްޖޭގައި މި އޮތީ. އެ ނާޒުކު ތިމާވެށި އެބަޖެހޭ ކުރިއަށް އޮތް ޖީލަށް ރައްކާތެރިކަމާ އެކު ވާސިލް ކޮށްދޭން." ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކެއް ސާފުތާހިރުކޮށް ބޭއްވުމަށް އަޒުމު ކަނޑައަޅައިގެން ކޮންމެ މީހަކު ވެސް މަސައްކަތް ކުރުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ބައެއްގެ އުޅުން ހުންނަ ގޮތް ދައްކުވައިދޭ މިންގަނޑަކީ އެ ބަޔަކު ދިރިއުޅޭ ތަނުގެ ސާފު ތާހިރުކަން ކަމަށެވެ. އެހެންކަމުން ވަށައިގެންވާ މާހައުލަކީ ރީތި މާހުލެއް ކަމަށްވާ ނަމަ، އަޅުގަނޑުމެންނަކީ ވަރަށް ރީތިކޮށް އުޅޭ ބައެއްގެ ގޮތުގައި ސިފަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.