ލ. އިސްދޫ-ކަލައިދޫ މަގު ހެދުމުގެ މަޝްރޫއަށް ކަމަށް ބުނެ އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީގެ ހުއްދަ ނުނަގައި އެތައް ސަތޭކަ ރުކަކާއި ގަސްތަކެއް ނަގައި ރަށުން ބޭރުކުރަމުންދާ މައްސަލައެއް ފެންމަތިވެ އެ އޮތޯރިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ އިސްދޫގައި ރުއްތަކާއި ގަސްތައް ނެގުމަށް އެއްވެސް ބަޔަކަށް ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން މި މައްސަލަ ހުށަހެޅުމާ ގުޅިގެން މައްސަލަ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްދޫން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މަގު ހެދުމަށް 175 ރުއް ނަގަން އުޅޭ ކަމަށް ބުނެ ރަށުގެ ދެ ކިލޯމީޓަރުގެ ސަރަހައްދަކުން 500 އަށްވުރެ ގިނަ ރުއް ވަނީ ނަގާފަ އެވެ. އަދި ނެގި ރުއްތަކުގެ ތެރެއިން 200 އަށްވުރެ ގިނަ ރުއް ބޭނުން ނުކޮށް މަރަން ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ރުއްތައް ރަށުން ބޭރުކުރަމުންދަނީ ދެ ލޭންޑިން ކްރާފްޓާއި ތިން ދޯނި ބޭނުންކޮށްގެން ކަމަށާއި އެ މަސައްކަތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންټްރެކްټިން ކޮމްޕެނީގެ މުވައްޒަފުން އުޅޭ ކަމަށް ރަށުން މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ. މީގެއިތުރުން މަގުގެ ދެފަރާތުގައި ހުރި 40 އަހަރާއި 50 އަހަރުވީ ބޮޑެތި ގަސްތަކާއި ނިކަގަސްތައް ކަނޑައި އަންދަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.

މިކަމާ ގުޅޭގޮތުން އިސްދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ބައެއް ރުއްތައް ނަގައި ރަށުން ބޭރު ކުރަމުންދިޔަ ނަމަވެސް އެ އަދަދު 500 އަށް ނާރާނެ ކަމަށެވެ. އަދި މަގު ހަދާއިރު ގަސްތައް ސާފުކުރަން ޖެހޭނެ ކަމަށާއި ކައުންސިލުގެ އަމާޒަކީ މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވާއިދުގައިވާ ގޮތުން ރަށަކުން 50 އަށްވުރެ މަދުން ގަސް ކަނޑާނަމަ ކައުންސިލުގެ ހުއްދަ ހޯދަންޖެހޭއިރު 50 އަށްވުރެ ގިނަ ގަސް ކަނޑަން ހުއްދަ ދެނީ އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީންނެވެ. ނަމަވެސް މި އުސޫލުތަކާ ހިލާފަށް ރަށްރަށުން ގަސް ކަނޑަމުންދާތީ ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.