ދިވެހިންނަށް ކަޒަކިސްތާނުން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރު ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާއެއް ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ކަޒަކިސްތާނަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން މިފެށީ މި އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ އާއި ކަޒަކިސްތާނާ ދެމެދު ސޮއި އެއްބަސްވުމުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ކަޒަކިސްތާނުން ވިސާގެ ލުއިތަކެއް ލިބުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މިހާރު ވަރަށް ގިނަ ގައުމުތަކުން ދިވެހި ޕާސްޕޯޓަށް އޮންއެރައިވަލް ވިސާ ދެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ފިލިޕިންސް، ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާ ހިމެނެ އެވެ.