ކަރާޗީ (18 ސެޕްޓެމްބަރު) - ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ބަލިތައް ފެތުރެމުން އަންނަ ކަމަށް ސިއްހީ އިދާރާތަކުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު އެގައުމުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ޖެހުނު އިންފެކްޝަންތަކާއި އެހެނިހެން ބަލިތައް ޖެހިގެން ރިޕޯޓުކުރި 90،000 މީހުންނަށް އެއް ދުވަހުގެ ތެރޭގައި ފަރުވާ ދީފައިވެ އެވެ.

އެގޮތުން ރިޕޯޓު ކުރެވުނު ބަލިތަކުގެ ތެރޭގައި މެލޭރިއާ، ޑެންގޫހުމާއި ބޭރަށް ހިންގުމުގެ އިތުރުން ވެސް ހަމުގެ އެކި ކަހަލަ އެލާޖީތަކާއި ބަލިތައް ހިމެނޭ ކަމަށް ރިޕޓުތައް ބުނެ އެވެ.

ބަލި މީހުން އިތުރުވެ އެގައުމުގެ ސިއްހީ ނިޒާމަށް ބަރު ބޮޑުވެފައިވާއިރު ފެންބޮޑުވެ ލިބުނު ގެއްލުންތައް ފޫބައްދަން މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ސަރުކާރަށް މިއީ ކުރިމަތިވެފައިވާ އިތުރު ގޮންޖެހުމެކެވެ.

މޫސުމީ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުތަކުގައި ފެންބޮޑުވެ ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން ޖެހިފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިމާވި އެކި އެކި ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިހާތަނަށް 1500 އަށްވުރެ މައްޗަށް އަރަ އެވެ. -- އަލް އަރަބިއްޔާ