އަވަސް އަވަހަށް ރޯގާ ޖެހޭ ހެއްޔެވެ؟ ކިތަންމެ ވަރަކަށް ފަރުވާ ކުރިޔަސް އަރިދަފުސް ރޯގާ ޖެހި ދިގުދެމިގެންދޭ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ތިރީގައި މިވާ ކަންކަމަށް ވިސްނާލުން މުހިއްމެވެ. އެގޮތަށް ކަންތައް ވަނީ މި ސަބަބުތަކާހެދި ކަމަށް ވެދާނެ އެވެ.

ފެން ބުއިން މަދުވުން

ހަށިގަނޑަށް ފެން މަދުން ލިބޭނަމަ ދިފާއީ ނިޒާމް ބަލިކަށިވެއެވެ. ދިފާއީ ނިޒާމް ބަލިކަށިވާނަމަ އާންމު ބަލިތަކަށް ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އަބަދުވެސް ފެންބުއިމަށް އާދަކުރުން ރަނގަޅެވެ.

މޫނުގައި މާ ގިނައިން އަތްލުން

މާ ގިނައިން މޫނުގައި އަތް ލާ، ހިރުވާލާއިރަށް ނޭފަތުގައި އަތްލާ ހަދާނަމަ ވައިރަސް ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އަދި މާ ގިނަ ގިނައިން އަރިދަފުސް ރޯގާ ޖެހެނީ އެލާޖިކެއް ހުރުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ޝައްކުވާނަމަ ޑަކުޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ދިފާއީ ނިޒާމު ބަލިކަށިވުން

ބައެއް ފަހަރު މާ ގިނައިން އަރިދަފުސް ރޯގާފަދަ އާންމު ބަލިތައް ޖެހޭނަމަ ސަބަބަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުން ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން މާ ގިނަ ގިނައިން ބަލިވާނަމަ ޑޮކްޓަރަކަށް ދެއްކުން ނުވަތަ ސިއްހީ ޗެކަޕެއް ހަދާލުން ރަނގަޅެވެ.