ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ގައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި، ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބް ރައީސް ވަނީ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރއިން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިގޮތުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، ޑޮކްޓަރުންނަށް ސްކޮލަރޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަންވެސް ނައިބް ރައީސް ފައިސަލް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ހިދުމަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

މިކޮންފަރެންސްގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފަ އެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތާއިއެކު، ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސިއްހީ ހިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އައްޑޫ ސިޓީގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވިގެންދާނެ ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ފައިސަލް ވަނީ، ދުޅަހެޔޮ ސިއްޙަތަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މުޖުމަޢުން އެއްބާރުން ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްހަތަށް ހެޔޮބަދަލެއް ގެނައުމަކީ، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ ހާޞިލްކުރަން އުނދަގޫކަމެއް ނޫންކަމުގައިވެސް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.