ދެން އޮންނަ ރިޔާސީ އިންތިހާބަށް ނުކުންނަން ބޭނުންވާ އެތައް ސިޔާސީ ބޭފުޅުންނެއް ސަރުކާރު ކޯލިޝަނުގައި އެބަ ތިއްބެވި ކަމަށާއި އޭގެ ތެރެއިން ބައެއް ބޭފުޅުން އިދިކޮޅުގެ ރިޔާސީ ޓިކެޓަށް ވެސް އަމާޒު ހިފާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ލ.މާވަށު ޖަގަހަ އާއި މާލޭގައި ހުންނަ އިދިކޮޅުގެ އޮފީސް އޮންލައިން މެދުވެރިކޮށް ގުޅާލައިގެން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ބަލާލި ކޮންމެ ދާއިރާއަކުން ވެސް ގައުމު ބަނގުރޫޓުވެގެންދާ މަންޒަރު ފެނިގެންދާއިރު ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި ބަހެއް ވިދާޅުނުވެ މާދަމާ ރިޔާސީ ރޭހަށް ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުން ނުކުމެވަޑައިގަތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ރައްޔިތުން މިި ވަރަށް ނިކަމެތިވާއިރު، ދިވެހި އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓިފައިވާއިރު، މިނިވަން ކަމަށް އަސަރު ކުރަމުންދާއިރު، ދީނީ އެއްބައިވަންތަކަން ގެއްލުމުންދާއިރު، ސުލްހަ މަސަލަސްކަން ނެތިގެންދާއިރު، އިޖްތިމާއީ އަދާލަތު ވީތަނެއް ނޭނގޭ ހިސާބަށް ދާއިރު، ގައުމުގެ ހައްގުގައި މިއަދު އެއްޗެއް ވިދާޅުނުވެ މާދަމާ ރިޔާސީ ރޭހަށް ނުކުންނަން ލަދު ގަންނަން ޖެހޭނެ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ބައެއް ބޭފުޅުންނާއި ވަކި ޕާޓީއަކަށް ވަޑައިނުގެން ތިއްބެވި ބައެއް ސިޔާސީ ބޭފުޅުން 2023 ގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާއިރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެކަމުގެ އުއްމީދުގައި އެބަ ތިއްބެވި ކަމަށެވެ. އެކަމަކު އެ ބޭފުޅުންނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ނުލިބޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން އެބަ ވިސްނާ ހަމަ މަޑުމަޑުން މިއަދު ތިބެފައި މާދަމާ ރިޔާސީ ރޭހަށް ނުކުންނަން ދިމާކޮށްލާއިރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިދާނެއޭ. އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާލާނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އޮންނާނީ އަޅުގަނޑުމެން ބޭނުންވާ ފަރާތަށް އަރުވާފައި. 2023 ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ރައީސް ޔާމީން. މިނިކާ ބާޒުތަކަކަށް އައިސް ޕީޕީއެމް ކަހައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކަންކަމަށް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވާ ސިޔާސީ ލީޑަރުންނަށް ވެސް ރައްޔިތުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ނުދެއްވުމަށް އަދުރޭ ގޮވާލެއްވި އެވެ. އަދި ގައުމީ ފިކުރުގައި ތިބި ލީޑަރުން މިހާރުން ފެށިގެން ޕީޕީއެމްއާއި ޕީއެންސީގައި ތިއްބެވި ކަމަށް ވިދާޅުވެ ފަހުން ނުކުންނަވާ ބޭފުޅުންނަށް ވޯޓު ނުދެއްވަން ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ މެދުގައި ވެސް ވާދަވެރިކަމާއި "ހަސަދައިގެ ހުޅުގަނޑު" އެބަ އޮތް ކަމަށެވެ. އަދި އެ "ހުޅުގަނޑު" ނިއްވާލުމަށް ބޭނުން ކުރާ "ފެނަކަށް" ރައީސް ޔާމީން ވެފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލަށް ލާފައި ވަނީ އެ ސަބަބަށް ޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކަށް ކެމްޕޭން ނުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަނީ ވެސް އެ ސަބަބަށް ޓަކައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލު ކުރަނީ މި އުނދަގޫ ދަނޑިވަޅުގައި ވެސް މި ސަރުކާރުގެ އަނިޔާވެރި އަމަލުތައް ރައްޔިތުން ވަރަށް ގާތުން ބައްލަވާނެ ކަމަށް. އަދި ވޭތުވެދިޔަ މި ދެ އަހަރު ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކާއި ރައްޔިތުންނަށް ލިބުނު ގެއްލުމާއި މި ސަރުކާރުން ރައްޔިތުންނާ ދޭތެރޭގައި ކަންތައް ކުރި ގޮތް އަންނަ ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިން ތި ރައްޔިތުން ދައްކާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.