ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ ރަސްގެފާނު، ޗާސްލް ތިން ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިމަހުގެ އަށެއްވީ ބުރާސްފަތި ދުވަހުގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓި އެވެ.

ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ވަނީ އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައިފަ އެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން، ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތަޢުޒިޔާގެ މެސެޖު ލިޔުއްވާފަ އެވެ.