އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ދެއްކެވި ވާހަކަތަކާ ގުޅިގެން، ލުބުނާނުގައި އިޒްރޭލުގެ ސިފައިން ދާއިމީގޮތަކަށް ތިބުމަށް އެމެރިކާއިން ދެކޮޅު ހަދައިފި އެވެ.
އިޒްރޭލުގެ ސިފައިން ލުބުނާނުގެ ސަރަހައްދެއްގައި ސެކިއުރިޓީ ޒޯނެއް ގާއިމުކޮށް އެތަނުގައި މަޑުކުރާނެ ކަމަށް ކަޓްޒް އިޝާރާތް ކުރެއްވުމާ ގުޅިގެން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު "އަލް އަރަބިއްޔާ އިންގްލިޝް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލުބުނާނުގެ އެތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާ ދާއިމީގޮތެއްގައި އޮތުމަށް ޓްރަމްޕްގެ ސަރުކާރުން ތާއީދު ނުކުރާ ކަމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވެފައިވާ އޮނިގަނޑާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އެމެރިކާއިން އުއްމީދުކުރާ ކަމަށާއި، ލުބުނާނުގެ އެއްވެސް ބިމަކަށް ދަހިވެތިކަމެއް ނެތްކަން އިޒްރޭލުން ސާފުކޮށް ބުނެފައިވާ ކަމަށެވެ.
އެމެރިކާގެ މެދުވެރިކަމާއެކު މި އަހަރުގެ ކުރީކޮޅު އެކުލަވައިލި ހަނގުރާމަ ހުއްޓާލުމުގެ އޮނިގަނޑުގައި ބުނެފައިވަނީ، ލުބުނާނުން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމަށާއި، އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތް ހަތިޔާރު ބެހެއްޓުމަށެވެ.
ނަމަވެސް، ހޯމަ ދުވަހުގެ ހެނދުނު ލުބުނާނުގެ ދެކުނު ސަރަހައްދުގައި ހުންނަވައި ވާހަކަ ދައްކަވަމުން ކަޓްޒް ވިދާޅުވީ، އިޒްރޭލުގެ ސިފައިން ތިބީ އެތަނުގައި ދާއިމަށް މަޑުކުރަން ކަމަށެވެ. އަދި ބޮޑުވަޒީރާއި އޭނާވެސް ސާފުކޮށް ވިދާޅުވެފައިވާ ފަދައިން، އެ ސެކިއުރިޓީ ޒޯނުން ސިފައިން ބޭލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ހިޒްބުاللهގެ ވަސީލަތްތައް ހުރި ތަންތަން ކަމަށް ބުނެ، ލުބުނާނުގެ ދެކުނުގެ އަވަށްތަކާއި ގެދޮރު އެއްކޮށް ސުންނާފަތި ކުރަމުންދާ ދިއުމަށް އޭނާ ތައުރީފު ކުރެއްވި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ، ލުބުނާނުގެ ދެކުނުގައި އިޒްރޭލުގެ އަސްކަރިއްޔާ ދާއިމަށް އޮތުމަކީ އެއްބަސްވެފައިވާ އޮނިގަނޑާ ހިލާފު ކަމެއް ކަމަށާއި، އެއީ ދެ ގައުމުގެ ދިގު މުއްދަތުގެ ސުލްހައާއި ސަލާމަތަށް އޮތް ހުރަހެއް ކަމަށެވެ. އަދި ލުބުނާނުގެ އިސްތިގުލާލާއި މިނިވަންކަމަށް ވޮޝިންޓަނުން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އެމެރިކާގެ އޮފިޝަލުން ބޭނުންކުރައްވާފައިވަނީ "ރީޑިޕްލޯއިމަންޓް" ނުވަތަ ސިފައިން އަލުން ތަރުތީބުކުރުމުގެ ލަފުޒެވެ. އެއީ ވަކި ހާލަތްތަކެއްގެ ދަށުން އިޒްރޭލު ސިފައިންނަށް ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި ތިބެވިދާނެތޯ ސުވާލުކުރުމުންނެވެ. އެއްބަސްވެފައިވާ އޮނިގަނޑުގެ ދަށުން، އިޒްރޭލު ސިފައިން ފޭބުމުގެ މަރުހަލާ ގުޅިފައިވަނީ ހިޒްބުاللهގެ ހަތިޔާރު ނައްތާލުމާއި އެ ޖަމާއަތުގެ އަސްކަރީ އޮނިގަނޑު ރޫޅާލުމުގެ ކަންކަން ކަށަވަރުކުރުމާ އެވެ.
ހިޒްބުالله ހަތިޔާރު އެޅުން ހުއްޓުވުމަށް ލުބުނާނުގެ ގައުމީ ސިފައިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އިޒްރޭލުން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. ނަމަވެސް ބެއިރޫތުން ބުނަމުންދަނީ އިސޒްރޭލުގެ އަސްކަރީ ހަރަކާތްތަކާއި އެގައުމުގެ ސިފައިން ލުބުނާނުގެ ފަސްގަނޑުގައި ތިބުމުގެ ސަބަބުން އެ މަސައްކަތަށް ހުރަސްއެޅޭ ކަމަށެވެ.
ފާއިތުވި ހަފުތާތަކުގައި ލުބުނާނުގެ ދެކުނުގައި ޕައިލެޓް ޒޯންތަކެއް ގާއިމުކޮށް، ކުރިން އިޒްރޭލު ސިފައިން ނުވަތަ ހިޒްބުاللهގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ކޮންޓްރޯލް ލުބުނާނުގެ ގައުމީ ސިފައިންނާ ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެމެރިކާއިން ބުނީ އެ މަސައްކަތް ފުރިހަމައަށް ތަންފީޒުކުރުމަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ކުރިއެރުންތައް އައިސްފައިވަނީ ލުބުނާނާއި އިޒްރޭލާ ދެމެދު ސީދާ ވާހަކަތައް ބާއްވައިގެން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ އޮފިޝަލުން ސިފަކުރައްވާ ގޮތުގައި ފަހުގެ މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކެކެވެ. ނަމަވެސް އެކަންކަން ތަންފީޒުކުރުމުގައި ސިޔާސީ އަދި ސަލާމަތީ ގޮތުން ބޮޑެތި ހުރަސްތަކެއް ހުރިކަން އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މަޖިލީހުގެ ދައުރު މި މަހުގެ 20އަށް ދަންމާލައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓަ ކުރުމުގެ ފުރުސަތު
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
