ދިވެހިންގެ ތެރޭގައި މުރަނގަ ފަތް އާއްމުކޮށް ބޭނުން ކުރެވެނީ ތެއްލައިގެންނެވެ. ސައިޑް ޑިޝްއެއްގެ ގޮތުގައި ތެލުލި ފަތް ބޭނުން ކުރި ނަމަވެސް މުރަނގަ ފަތް ތެލުލުމަކީ އެއިން ލިބޭ ގިނަ ފައިދާތައް ނެތިދާ ކަމެކެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ މާއްދާތަށް މިފަތުގައި އެކުލެވޭކަމަށް ސައިންޓިފިކް ތަހުލީލުތަކުން ދައްކަ އެވެ. މިގޮތުން ޕްރޮޓިން، ވިޓަމިނީ ބީސިކްސް، ވިޓަމިން ސީ އަދި އަޔަން މި ފަތުގައި ހިމެނެ އެވެ.

ހިތުގެ ބަލިތަކާއި ހަކުރު ބަލިން ދުރުކޮށްދޭ އެންޓި އޮކްސިޑެންޓުތަށްވެސް މިފަތުގައި ހިމެނެ އެވެ. މި ފަތް ކެއުމުން، ލޭގައި ހުންނަ އެންޓި އޮކްސިޑެންޓު މިންވަރު އިތުރުކޮށްދޭކަމަށް ތަހުލީލުތަކުން ދައްކަ އެވެ.

މީގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރުވެސް މުރަނގަ ފަތުން ދަށް ކޮށްދޭ ކަމަށް ބައެއް ދިރާސާ ތަކުން ދައްކަ އެވެ. ނަމަވެސް އަދި މިކަން މުޅިން ކަށަވަރު ކުރަން އިތުރު ދިރާސާތަށް ހަދަންޖެހޭ ކަމަށް ސައިންސުވެރިން ބުނެ އެވެ.

އޭގެ އިތުރުން ކެއުމުގައި މުރަނގަފަތް ބޭނުން ކުރުމުން ކޮލެސްޓްރޯލް ހުންނަ މިންވަރުވެސް ދަށްކޮށްދެ އެވެ.

ޖުމްލަކޮށް ބުނާނަމަ މުރަނގަ ފަތަކީ ގިނަގުނަ ފައިދާތަށް އެކުލެވޭ ފަތެކެވެ. ނަމަވެސް މި ފަތުގެ ފައިދާ އެންމެ ރަނގަޅަށް ލިބޭނީ ތެލު ނުލައި ރޮލަށް ބޭނުން ކޮށްގެންނެވެ.