ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިސަރުކާރުން، ބޮޑު ތިލަދުންމަތީގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކުުރައްވައި މިއުވާން ވިދާޅުވީ އާރްޓީއެލްގެ ފެރީ ނިޒާމާއެކު ބޮޑުތިލަދުންމަތި ދަތުރުފަތުރުން ގުޅާލެވިފައި ވާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުތަކާއި ތިލަދުންމަތީގެ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތަކާއި އެނޫންވެސް ޢުމްރާނީ ތަރައްގީގެ އެތައް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ކަމަށެވެ.

މީގެ އިތުރުން ތިލަދުންމަތީގެ ތަރައްގީއާ ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް ދިވެހިން އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމުކުރައްވައި، އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމްކޮށް، ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެެއްސެވުމަށް ކަމަށެވެ. އަދި މި މަސައްކަތުގައި ބޮޑު ތިލަދުންމަތި ވެގެންދާނީ، ނަމޫނާ ސަރަހައްދަކަށް ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.