ބިހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނަރަލް ހިމެނޭ އެއްޗެކެވެ. އެގޮތުން ވިޓަމިން އޭ، ކެލްސިއަމް، ފޮލޭޓް، ޕްރޮސްފަރަސް، ވިޓަމިން ބީ އަދި ޑީ ހިމެނެ އެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ބިސް ހިމަނައިފި ނަމަ އެއިން ތިމާގެ ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ.

އެގޮތުން ބިހަކީ ސިކުނޑިއަށް ފައިދާ ހުރި އެއްޗެކެވެ. ބިހަކީ ކޮލީން އިން މުއްސަނދި ވެފައިވާ އެއްޗަކަށްވާއިރު މިއީ ވިޓަމިން ބީ ވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެގޮތުން ސިކުނޑީގައި އިތުރު މޮލެކިއުލް އުފެއްދުމަށާއި އާ ސެލްތައް އުފެދުމަށް ކޮލީން އެހީތެރިވެދެ އެވެ.

ސިކުނޑީގެ އިތުރުން ބިހަކީ ލޮލަށް ވެސް ފައިދާ ހުރި ކާނާ އެކެވެ. އެގޮތުން ލޯ ފުސްވުމާއި ފެންނަ މިންވަރު ދަށްވުމުން ދުރުކޮށްދޭ ދެ މާއްދާ ކަމަށްވާ ލުޓެއިން އަދި ޒިއަޒާންތިން ބިހުގައި ގިނަ އަދަދަކަށް ހިމެނެ އެވެ.

ބިހަކީ ޕްރޮޓީން ވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެެވެ. އެގޮތުން ޑައެޓް ޕްލޭން ތެރޭގައި ދުވާލަކު ތިން ބިސް ހިމަނައިފި ނަމަ އެ މީހަކަށް ބޭނުންވާ ވަރަށް ޕްރޮޓީން ލިބެ އެވެ. އަދި ބިހުގައި ވިޓަމިން އީ ހިމެނޭތީ ދުވާލަކު ތިން ބިސް ކެއުމުން ހިތުގެ ބަލިތަކުންނާއި ބައެއް ކެންސަރުތަކުން ދުރުކޮށްދެ އެވެ.

ދުވާލަކު ތިން ބިސް ކާއިރު ހަމައެކަނި ބިހުގެ ހުދުބައި ކެއުމުން ވެސް ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭނެ އެެވެ. ބިހުގެ ގޮބޮޅިއަށްވުރެ ހުދު ބައިގައި ހަށިގަނޑަށް ފައިދާވާ މާއްދާތައް ހިމެނެ އެެވެ.

ގިނަ ބަޔަކު ބިސް ކެއުމާއި ދުރުވަނީ އޭގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް ހިމެނޭތީ އެވެ. އެގޮތުން ބިހެއްގައި 373މގ. ގެ ކޮލެސްޓްރޯލް ހިމެނެ އެވެ. އެއީ 11ގ. ފެޓް އެވެ. އެހެން ނަމަވެސް ބިހުގައި ޕޮޓޭސިއަމް 124 މިލިގްރާމް ހިމެނޭއިރު ސޯޑިއަމް 124 މގ. ހިމެނެ އެވެ. އަދި ޕްރޮޓީން 13ގ. ހިމެނެ އެވެ.

ވިޓަމިންތަކަށް ބަލާއިރު ވިޓަމިން އޭ 10 ޕަސެންޓް ހިމެނޭއިރު، ވިޓަމިން ޑީ 12 ޕަސެންޓް ހިމެނެއެވެ. އަދި ވިޓަމިން ބީ 18 ޕަސެންޓް، ވިޓަމިން ބީ6 5 ޕަސެންޓް ބިހެއްގައި ހިމެނެ އެވެ.