މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވާން ފަށާނެ ކަމަށް ލަފާކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެން ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކުން ފަށާފައިވާ "ކޯވިޑް-19 ހުއްޓުވާނީ އަހަރެން" ކެމްޕެއިން ޕްރޮގްރާމެއްގައި ޑރ. ޝީނާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދިން ލުއިތަކަށްފަހު ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެެ.

"މާލެ ސަރަޙައްދުގެ ސިޓުއޭޝަން ދަންނަވަންޏާމު މިހާރު މިއޮތީ ވަރަށް ބޮޑަށް ސްޕްރެޑްވެފައި. ދެން މިދާ ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރި ވާނީ. ތަންކޮޅެއްކުރިން އޮގަސްޓްމަހުގައި އަޅުގަނޑު ހިއްސާކޮށްލި ޕްރޮޖެކްޝަންތަކެއް. އެހެންވީމަ އެސްޓިމޭޓްކުރެވޭ ސެޕްޓެމްބަރު ފަހުކޮޅަށް ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރިވާނީ،" އޭނާ ވިދާޅުވި އެވެ.

"އެެހެންވީމަ އަދި މިލެވަލްގައި ދުވަސްކޮޅެއް ހިފަހައްޓާނެ. އެކަމަކު މިމަހުގެ ފަހުކޮޅަށް އަންދާޒާކުރެވެނީ ދަށްވާން ފަށާނެ ކަމަށް."

ޑރ. ޝީނާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ބަލި ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު މިހާރު މިހުރި މިންވަރުގައި އަދި ދުވަސްކޮޅެއްވަންދެން ހުރެދާނެ ކަމަށެވެ. އަދި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާނެ އެންމެ ބޮޑު މިންވަރަކަށް ދިއުމަށްފަހު މި މަހުގެ ފަހުކޮޅުން ފެށިގެން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީތި ކިހިނެއްތޯ އިތުރުވާނީ ނޫންނަމަ ދަށްވާނީ އޭތި ޑިޕެންޑްވަނީ މީހުން އުޅޭގޮތުން. ވިޔަފާރިތަކުން ކަންތައްތައް ބަހައްޓާގޮތަކުން އިނގޭތޯ. އެހެންވީމަ އެކަހަލަ ކަމަކަށް މީގެ އަދަދުތައް ބެލެންސްވަނީ،" ޑރ. ޝީނާ ވިދާޅުވި އެވެ. "އެހެންވީމަ ޔަގީންކޮށް ދަންނަވާކަށް ނޭނގެ މި ދެތިން ހަފްތާ ތެރޭގައިވެސް މިވަރަށް މެއިންޓެއިން ކުރެވޭނެއެކޭ. އިރާދަކުރެއްވިއްޔާ މިއަށްވުރެ އިތުރަށް ސްކޭލް މައްޗަށް ނުގޮސް ދެން ޑައުންވާޝަނެއް ފެންނާނެ ކަމަށް އުންމީދުކުރެވެނީ."

ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ ވީހާވެސް ބޮޑަށް މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކޮށް އާންމު ދިރިއުޅުމުގެ ކަންކަން ވެސް ކުރިއަށްދާނެ ފަދަ ގޮތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ބަލި ފެތުރުން ބޮޑުތަނުން މަދުނުކުރެވި ވަނީ އެ ސަބަބުތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.