މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމިއްޔަތެއް ބިނާކުރުމުގައި ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ހިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ރައީސް ސޯލިހު ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ކުޑައެއް ބޮޑެއް ނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމަހަމަކަމާއެކު ރައްޔިތުން އެދޭ ތަރައްގީ ހާސިލް ކޮށްދިނުމުގައި ފަށާފައިވާ މަސައްކަތް ހުއްޓާލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަތަކެއްގެ ފެށުން ގުޅެނީ، ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާ. ބޮޑުތަކުރުފާނު އަމާންކުރެއްވި ކަނޑުތައް، ނާމާން ކުރާ މަސްތުވާތަކެއްޗާ، ވަގުވިޔަފާރިއަށް މަގުފަހި ކުރުމަކީ، ދިވެހި ގައުމިއްޔަތެއް ނޫން. މަސްތުވާތަކެއްޗާ ގޭންގް ކުށްތަކަކީ، ގައުމިއްޔަތާ ދުރުވި ވަރަކަށް، ގާތްވާ ކަންކަން،" މިއަދު ފާހަގަ ކުރާ ގައުމީ ދުވަހާ ގުޅިގެން ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ އަދި ގައުމެއް ނޫން ކަމަށެވެ. ގައުމާއި ވަތަން ހިމާޔަތްކޮށް ދިވެހިންގެ ސާދާ ދިރިއުޅުން ހާސިލް ކުރެވޭނީ މާޒީން އިބުރަތް ހާސިލްކޮށް، ޖަޒީރާ ވަންތަ ރާއްޖެއެއް ބިނާކުރެވިގެންކަމަށް ރައީސް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޤައުމިއްޔަތަކީ ޤައުމުދެކެވާ ލޯބި ކަމަށާއި، ވަށައިގެންވާ މާހައުލުގައިވާ، ކޮންމެ އެއްޗަކާ ދިރުމަކަށްޓަކައި، ހިތުގާ އޮންނަ ކުލުނު ކަމަށެވެ. ދިވެހިންގެ ދިވެހިއްޔަތަށް ދުނިޔެ ހެކިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މެހެމާންދާރީއާ އޯގާތެރި ކަމާ ހިތްހެޔޮކަން ނުވިނަމަ، ދުނިޔޭގެ އެންމެ މަގްބޫލު ޓޫރިސްޓް މަންޒިލުކަމުގައި ރާއްޖެ ނުވީސް ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫންކަން ފާހަގަކޮށް ރައީސް ވިދާޅުވީ ލާމެހިފައިވާ ދުނިޔޭގާ، އެހެން އިންސާނުންނާ އެކު މުއާމަލާތުކުރެވި، ސުލްހަ މަސަލަސްކަމާ އެކު އުފަލުގައި ދިރިއުޅުމަކީ ދިވެހިން އެދޭ ގޮތް ކަމަށެވެ. އަދި ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނޭ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.