އާރުސީސީން މާލޭގައި ހަދަމުންދިޔަ އިމާރާތަކުން މިމަހުގެ 17 ވަނަ ދުވަހު ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ހެރުނު ހާދިސާގައި އެ މީހާގެ ފުރާނަ ސަލާމަތްކުރަން ނުވަ ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓުނު އެ ދަގަނޑުބުރި، އެ މީހާގެ ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފޫއަޅުވާލާފައި ދިޔައީ އެ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް، މަތިން ބާރު އަޑެއް އިވިގެން ވައިގޮޅި އަށް އޭނާ ބޯދިއްކޮށްލި ތަނާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެ ދަގަނޑުގެ ބޭރަށް އޮތް ބައި ބުރިކޮށްލުމަށް ފަހު އެވެ.

ބިދޭސީ މަސައްކަތުގެ މީހާގެ މޫނަށް ދަނގަޑު ހެރުނު ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ ބިދޭސީ މީހާގެ މޫނަށް ހެރުނު ދަގަނޑު ނަގަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބިދޭސީ މަސައްކަތްތެރިޔާ ހޮސްޕިޓަލަށް ގެނައުމުން ސްޓޭބަލްކޮށް ހޭނެއްތި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ކިޔައިދިނެވެ. އަދި އެ މަސައްކަތްތެރިޔާގެ ގައިން ގާތްގަނޑަކަށް ހަތް ލީޓަރުގެ ލޭ އައި ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.

އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ނާރުގެ ތަޖުރިބާރު ޑޮކްޓަރު އަލީ ނިޔާފް ވިދާޅުވީ ދަގަނޑު ހަށިގަނޑަށް ވަދެފައިވަނީ ނޭފަތުގެ ކަށިތައް މުގުރާލާފައި ކަމަށެވެ. އަދި އެ ދަގަނޑު ގޮސް ތަލީގައި ޖެހި ތަލި ފުނޑާލުމަށްފަހު ކަރުގެ ފަހަތުން ޖެހުނީ މައިބަދައިގައި ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ނިޔާފް ވިދާޅުވީ މައިބަދައިގެ ފުރަތަމަ ތިން ބަދައިގައި ދަގަނޑު ޖެހުމުން ކުރިމަތި އިނީ މުގުރިފައި ކަމަށެވެ. އަދި އެ ދަގަނޑު ފުއްޕާމޭގެ އެއް ބައިގައި ޖެހުމަށްފަހު ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑުގެ ފޫއަޅުވާލުމަށްފަހު ގޮސް އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަށިކޮޅުގައި ނުޖެހުނު ނަމަ ވައިވަޅުން ދަނގަޑު ނިކުތީސް ކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެ ބިދޭސީ މީހާގެ މައިބަދައިގެ އިތުރުން މޭމައްޗާއި ފުރަމޭއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހާގެ ފުރާނަ ސަލާމަތްކުރަން އެ ހޮސްޕިޓަލުން ކުރި ބޮޑު އޮޕަރޭޝަނާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވި މީހާގެ ފުރާނަ ސަލާމަތް ކުރެވުނީ އެ ހޮސްޕިޓަލުގެ ގިނަ ބަޔަކު ކުރި މަސައްކަތުން ކަމަށެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކުރަން ނުވަ ގަޑިއިރު ވަންދެން ސާޖަރީތައް ހަދަން ޖެހުނު ކަމަށާއި މިހާރު އެ މީހާ ހޮސްޕިޓަލުގައި އޮންނަތާ 11 ދުވަސްވެފައިވާއިރު ހިނގާބިނގާވެ އުޅޭ ކަމަށް އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު މިގޮތަށް މީހެއްގެ ފުރާނަ ސަލާމަތް ނުކުރެވިދާނެ ކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ދިމާނުވާނެ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށާއި ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ވަރުގަދަ އުސޫލުތަކެއް ތަންފީޒުކުރަންޖެހޭ ކަމަށް އައްފާލް ވިދާޅުވި އެވެ.

"ވަރަށް ތަފްސީލު ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު އަށެއްކަ ވަރަކަށް އަހަރުވެއްޖެ. ދިވެހިރާއްޖޭގައި މަސައްކަތްތައް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެ ވާހަކަ އެބަ ދައްކަންޖެހޭ،" އޭނާ ވިދާޅުވި އެވެ.