ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ހަފްލާއަށް ދައުވަތު ނުލިބުމުން ވަރަށް ބޮޑަށް ލަދުގަތް ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރު ބުނެފި އެވެ.

ކަރަން ޖޯހަރު މިހެން ބުނެފައިވަނީ އޭނާގެ އަމިއްލަ ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން"ގައި ބޮލީވުޑް ތަރިންގެ ކައިވެނި ޕާޓީއަށް ދައުވަތު ނުދޭ މައްސަލާގައި ވާހަކަ ދައްކަމުންނެވެ.

"ކޮފީ ވިތު ކަރަން" ސީޒަން 7 ނިންމުމުގެ އެޕިސޯޑުގައި ކަރަން ބުނެފައި ވަނީ ކެޓްރީނާ އާއި ވިކީގެ ކައިވެނި ޕާޓީއަށް ދައުވަތު ނުލިބުމުން ވަރަށް ބޮޑަށް ލަދުގަތް ކަމަށެވެ. އޭނާއަށް ޕާޓީއަށް ދައުވަތު ނުދިނީ ކީވެގެންކަމާ މެދު ގިނަ ބަޔަކު ސުވާލުކުރަމުން ދިޔަ ކަމަށް ވެސް ކަރަން ބުންޏެވެ. އެހެން ނަމަވެސް ޕާޓީއަށް އަނޫރާގު ކަޝްޔަޕްއަށް ވެސް ދައުވަތު ނުލިބޭކަން އެނގުމުން ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

''ކެޓްރީނާ އާއި ވިކީ ކައިވެނި ކުރުމުން އެކަން އަހަރެންނަށް ބޮޑު ލަދަކަށްވީ. މީހުން އަހަރެން ގާތު ބުނާނެ އެ ދެމީހުންގެ ކައިވެނީގައި ބައިވެރިވި ނަމަވެސް އެ ވާހަކަ އަހަރެން ނުދައްކަނީ ކީއްވެހޭ. އެ ކައިވެންޏަށް އަހަރެންނަށް ދަޢުވަތު ނުލިބޭ ކަމަށް ބުނަން ވަރަށް ލަދުގަތް. އަދި ކައިވެނީގެ ހުރިހާ ކަމެއް ނިމުމުން މީހުން އަހަރެން ގާތު އެހި ކީއްވެހޭ އެ ހަފުލާއަށް ދަޢުވަތު ނުލިބުނީ. ކެޓްރީނާ އާއި އަހަރެންގެ މެދުގައި ހިތްހަމަ ނުޖެހުމެއް އުޅެނީތޯ ވެސް ބައެއް ފަރާތްތަކުން ސުވާލުކުރި،'' ކަރަން ބުނެފައިވެ އެވެ.

ކަރަން ގެނެސްދޭ މި ޝޯގައި ކެޓްރީނާ އާއި ވިކީ ވެސް މީގެ ކުރީގެ އެޕިސޯޑްތަކުގައި ވަނީ ބައިވެރިވެފަ އެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރާޖަސްތާނުގެ ސަވާއީ މޯދުޕޫރުގަ އެވެ. މި ކައިވެނި ހަފުލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާއި ގާތް ރަހުމަތްތެރިންނާއި އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ.