ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު ވަނީ ވޯލްޑް ޕްރެސް ފްރީޑަމް ކޮންފަރެންސް 2020 ގެ ހަވާސާގައި ބޭއްވި ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ނެދަލެންޑްސްގެ ޚާރިޖީ ވަޒީރު ސްޓެފް ބްލޮކް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާ ބެހޭ "ދަ ހޭގް ކޮމިޓްމަންޓް" ވަނީ ނެރެފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ތަފާތު ޚިޔާލުތަކާއި ގިނަ ފިކުރުތަކުގެ ސަބަބުން އެކަހެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން މުޖުތަމައުތައް ގުޅުވާލަދީ ބަދަހި ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ. އަދި މިނިވަން ނޫސްވެރިކަމުން ސަރުކާރުތައް ޒިންމާދާރުކޮށް، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ހަމައެއާއެކު، ކޮވިޑް-19ގެ ސަބަބުން ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކާ ކުޑަކުރުމަށްވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވި އެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވައި، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތަވާލެއްވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކުރުމާ ޚިޔާލުފާޅުކުރުމުގެ ގާނޫނު އުވާލުމާއި، މަރާލެވިފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަން އެކުލަވާލުމާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަލުން މެމްބަރުން އައްޔަން ކުރުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ދުނިޔޭގެ ތާރީޚުގެ ކޮންމެ ހިސާބެއްގައިވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަސާސި ހައްޤެއް ގޮތުގައި ކަނޑައެޅިފައިވާ ކަމެއްކަމަށާއި، މިއަދު މި ހައްގުގެ ދިފާއުގައި އަޅުގަނޑުމެން އެއްވެތިބި ތިބުމުން ރަމްޒުކޮށްދެނީ އިންސާނީ މުޖްތަމައަށް ކުރިމަތިވާ މިފަދަ ކޮންމެ މައްސަލެއްގެ ހައްލު ހޯދެން އޮތީ އެކުވެރިކަމާއި މަޝްވަރާގެ އުސޫލުން ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.